އެމްޑީޕީގެ ޗެއާޕާސަން ނަޝީދު ނޫސްވެރިންނާ ވާހަކަދައްކަވަނީ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުރެގެން ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި، އެގޮތަށް ޕާޓީގެ އަސާސީ ގަވާއިދު ބަދަލުކުރުމަކީވެސް ރަނގަޅު ކަމެއް ކަމަށް މިވަގުތު އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޗެއާޕާސަން އިންތިހާބުގައި ނަޝީދު ކެމްޕެއިން ކުރެއްވީ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ތާއީދުކުރައްވާނެކަން އިއުލާންކުރެއްވުމަށްފަހު، ފައްޔާޒާ އެކު އިއްތިހާދުވެގެންނެވެ.

ނަޝީދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލު ގެނެވޭނީ އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް މަސައްކަތްކުރާ ކޮންގްރެސްއިން ކަމަށެވެ. ޗެއާޕާސަންގެ ދައުރު ނުނިމެނިސް ރިޔާސީ ޕްރައިމަރީގައި ވާދަކުރުން މަނާކުރާ އިސްލާހެއް ގެންނަން އުޅޭ އަޑުތައް ފެތުރިފައިވާއިރު، ފައްޔާޒު އިސްމާއީލްވެސް މީގެކުރިން ވަނީ ޗެއާޕާސަންގެ މަގާމަކީ ގައުމީ ނުވަތަ ޕާޓީގެ އެހެން މަގާމުތައް ނުފުރޭނެ ފަދަ ފުލްޓައިމް މަގާމަކަށް ހެދުމަށް ވަކާލާތު ކުރައްވާފައެވެ.

މީގެ ކުރިން ކޮންމެ ފަހަރަކުވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާފައިވާ ނަޝީދު މިފަހަރު ވާދަނުކުރެވޭނެ ގޮތް ހަދަން ވެގެން ޕާޓީގެ އެތެރެއިން މަސައްކަތްކުރަމުންދާ ކަމުގެ އަޑުތަކެއް ވަނީ އަރާފައެވެ. ނަމަވެސް ނަޝީދު ވަނީ އެފަދަ އިސްލާހަކަށް ތާއީދުކުރައްވާނެކަން ސާފުކޮށްދެއްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް އޮތް ވާދަވެރިކަން މިފަހަރު ވަރަށް ބޮޑެވެ. ނަޝީދުގެ ފެކްޝަނުން ފައްޔާޒުގެ ފެކްޝަނާ އެކު މަސައްކަތްކުރާއިރު، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، މަޖިލިސް މެންބަރު ޑރ. އަހުމަދު ޝަމްހީދު އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ރިޔާސީ ޓިކެޓަށް ކެމްޕެއިންކުރައްވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިކަމުގައި އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

"އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމަކީ ރަނގަޅު ކަމެއް ނޫން، ޗެއާޕާސަނަށް އިންނަ މީހަކު. އޭނާ ޗެއާޕާސަން ކަމުގައި އިނދެގެން ރިޔާސީ ރޭހަކަށް ނުކުތުމަކީ ރަނގަޅު ކަމެއްގެ ގޮތުގައެއް ނުދެކެން،" - ރައީސް މުހައްމަދު ނަޝީދު

ތާރީޚަށް ބަލާއިރު، އެމްޑީޕީގެ ފުރަތަމަ ޗެއާޕާސަނަކީވެސް ނަޝީދެވެ. އެމަނިކުފާނު 2005 އިން 2008 އަށް ޗެއާޕާސަން ކަމުގައި ހުންނެވުމަށްފަހު އެ މަގާމުން އިސްތިއުފާ ދެއްވީވެސް ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށެވެ. އެ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު، 2013 އަދި 2018 ގައިވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ނަޝީދެވެ. ނަމަވެސް 2018 ގައި ޖަލު ހުކުމެއްގައި ހުންނެވުމުން ކޮންގްރެސް މެދުވެރިކޮށް ސޯލިހަށް ޓިކެޓު ދޭން ޖެހުނީއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް