ޖަޕާނުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމާ ގުޅޭގޮތުން ޖަޕާނުގެ ޓްރެވެލް އޭޖެންޓުންގެ އެސޯސިއޭޝަނާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި ބައްދަލުވުން ކުރިއަށްދިޔައީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހްލޫފް، ޖަޕާން އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް (ޖާޓާ) ގެ ރައީސް ކުނިހަރު އެބިނާ އާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.
ސަފީރު މަޙްލޫފް "އެކްސް"ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ގިނަ ކަންތައްތަކަކަށް މަޝްވަރާ ކުރެވުނެވެ. އެގޮތުން ޖަޕާނުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިހާރަށްވުރެ އިތުރުކުރުމާއި، ޖަޕާނުގެ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމާ ބެހޭގޮތުން ވަނީ ވާހަކަދެކެވިފައެވެ. މީގެ އިތުރުން، ޖަޕާނުގެ ޓްރެވެލް އޭޖެންޓުންނާއި ރާއްޖޭގެ ޓްރެވެލް އޭޖެންޓުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ބަދަހިކުރުމަށްވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.
"މި ބައްދަލުވުމުގެ ތެރެއިން ރާއްޖެއާއި ޖަޕާނާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރަން." - ސަފީރު އަހުމަދު މަހްލޫފް
ދިވެހި ސަރުކާރުން މިހާރު އިސްކަންދެމުންދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުތައް ސިންދަފާތު ކުރުމަށެވެ. މި ސިޔާސަތުގެ ދަށުން، މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު މަދު މާކެޓުތަކަށް އަމާޒުކޮށް، އެ ޤައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ދަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ.



