ވ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ ޝުޖާއު މަގާމުން ވަކިވެއްޖެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން އެމްޑީޕީން ނިންމައިފިއެވެ. އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި ޝުޖާއުގެ ގޮނޑީގެ މައްސަލަ އެ ޕާޓީގެ ގާނޫނީ ޓީމުން މިހާރު ދަނީ ދިރާސާ ކުރަމުންނެވެ. އަދި މިހަފުތާގެ ތެރޭގައި އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ބެލެވެއެވެ.
ލާމަރުކަޒީ ގާނޫނުގައި ބަޔާންކުރާ ގޮތުން ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، އެ ދައުރެއްގެ ތެރޭގައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ މަގާމު ގެއްލޭނެއެވެ. ޝުޖާއު ކައުންސިލް އިންތިހާބުގައި ވާދަކޮށް ކާމިޔާބު ކުރެއްވީ ދަ ޑިމޮކްރެޓްސްގެ ޓިކެޓްގައެވެ. ނަމަވެސް އެ ޕާޓީ އުވާލުމާ ގުޅިގެން، މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު އޭނާ ވަނީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ދަފްތަރުވެފައެވެ.
އެލްޖީއޭއިން ވަކިގޮތެއް ނިންމަންދެން މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ޝުޖާއު ހުރީ ސަސްޕެންޝްގައެވެ. އަދި ކައުންސިލް ހިންގުން ވަނީ ނައިބު ރައީސްއާ ހަވާލުކޮށްފައެވެ.
މި މައްސަލައިގައި ޝުޖާއު ވިދާޅުވީ މިއީ ގާނޫނުގައި ނެތް ހާލަތެއް ކަމަށެވެ. ދަ ޑިމޮކްރެޓްސް އުވާލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އެންގީ މިދިޔަ އޭޕްރީލް މަހުގެ 23 ގައި ކަމަށްވާއިރު، އޭނާ މަގާމުގެ ހުވާކުރެއްވީ އޭގެ ފަހުން މެއި މަހުގައެވެ. އެހެންކަމުން މަގާމުގެ ދައުރު ފެށުމުގެ ކުރިން ޕާޓީ އުވާލާފައިވާތީ، މިއީ އެއް ޕާޓީ ދޫކޮށް އަނެއް ޕާޓީއާ ގުޅުން ކަމަށް މާނަނުކުރެވޭނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި ދެން ވެސް އިންތިހާބެއް ބޭއްވިޔަސް ތިނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކުރާނީ އެމްޑީޕީންނެވެ. ކައުންސިލް އިންތިހާބަށް ފަހު ހުވާކުރުމުގެ ކުރިން ބައެއް އެހެން ކައުންސިލަރުން ޕީއެންސީއާ ވެސް ގުޅިފައިވާކަން ފާހަގަކުރެވެއެވެ.




