އަލްއުސްތާޒު އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި އެކެޑަމީން މިއަދު ހުޅުވައިލައިފިއެވެ.
މިއަހަރުގެ އޮގަސްޓު މަހުގެ 11 އިން 30 އަށް ބޭއްވުމަށް ތާވަލުކޮށްފައިވާ މި މުބާރާތް މައިގަނޑު ދެ ބަޔަކަށް ވަނީ ބަހާލާފައެވެ.
އެއީ ވާހަކަދެއްކުމުގެ ބަޔާއި ބަހުސްކުރުމުގެ ބަޔެވެ. ވާހަކަދެއްކުމުގެ ބައިގެ ތެރޭގައި ދަށު ސާނަވީ (ކީ ސްޓޭޖް 3)، ސާނަވީ (ކީ ސްޓޭޖް 4)، އަދި މަތީ ސާނަވީ (ކީ ސްޓޭޖް 5) ހިމެނޭހެން ސްކޫލްތަކުގެ ގިންތިތަކާއި، 18 އަހަރުން ދަށާއި 18 އަހަރުން މަތީގެ އުމުރުފުރާ ހިމެނޭހެން އަމިއްލަ ފަރާތްތަކުގެ ގިންތި ހިމެނެއެވެ.
އަދި 16 އަހަރުން މަތީގެ ބޭފުޅުންނަށް ޚާއްޞަ ބަހުސްކުރުމުގެ ބައި ހުޅުވާލާފައިވަނީ އޮފީސްތަކާއި، ކުންފުނިތަކާއި، ޖަމުއިއްޔާ ޖަމާއަތްތަކުގެ އިތުރުން ޔުނިވަރސިޓީ، ކޮލެޖު އަދި އެކެޑަމީތަކުގެ ޓީމުތަކަށެވެ. މުބާރާތުގައި ވާހަކަދައްކަންޖެހޭ މައުލޫތައް، އެ އުމުރުފުރާއެއްގެ މުބާރާތް ފެށުމުގެ މަދުވެގެން 5 ދުވަސް ކުރިން އާންމުކުރާނެ ކަމަށް ދިވެހި އެކެޑަމީން މަޢުލޫމާތުދެއެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2026 އޮގަސްޓު 6 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން އޮންލައިން ފޯމު ފުރިހަމަކުރަންޖެހެއެވެ. މުބާރާތް ކުރިއަށްދާއިރު އެއްވެސް ޝަކުވާއެއް އޮތް ނަމަ، އެކަމަށް ޚާއްޞަކޮށްފައިވާ ގޫގުލް ފޯމު މެދުވެރިކޮށް ހުށަހެޅޭނެއެވެ. ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މުބާރާތް ނިމޭ ދުވަހާ ވިދިގެން އަންނަ ދުވަހުގެ މެންދުރުފަހު 12:00 އެވެ. މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތާއި ގަވާއިދު ދިވެހި އެކެޑަމީގެ ވެބްސައިޓްއިން ލިބެން ހުންނާނެއެވެ. އަދި އެކިއެކި ކަންކަމުގައި vaahakadhekkun@dba.gov.mv އަށް މޭލުކުރެއްވުމުން ނުވަތަ އެކެޑަމީގެ ނަންބަރު 7772816 އަށް ގުޅުއްވުމުން އިތުރު ތަފްޞީލް ލިބޭނެ ކަމަށް ބުނެއެވެ.



