ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ދާއިރާތަކުގެ އިންތިޚާބަށްފަހު، އެކި އެކި އިންތިޚާބީ މަޤާމުތަކުގައި 2500 އަށްވުރެ ގިނަ މެންބަރުން ޕާޓީގެ ހަރަކާތްތަކުގައި ރުކުރުވާލެވޭނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
މި އިންތިޚާބުގައި ހޮވުމަށް ހަމަޖެހިފައިވާ މައިގަނޑު މަގާމުތަކަކީ ދާއިރާ ރައީސާއި، ނައިބު ރައީސާއި، އަންހެނުންގެ ހަރަކާތުގެ ރައީސްގެ އިތުރުން ޒުވާނުންގެ ޙަރަކާތުގެ ރައީސް އަދި ސްޓިއަރިން ކޮމިޓީގެ ރައީސްއެވެ. ޕާޓީގެ ތަރުޖަމާނު އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވި ގޮތުގައި އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ޖޫން 30 އަށް ހަމަވެ، ފޯމުތައް ބަލައި މިހާރު ވަނީ ނިމިފައެވެ.
މި އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ ހަމައެކަނި އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނައިން މަގާމުތަކަށް ކުރިމަތިލާފައިވާ ދާއިރާތަކުގައެވެ. އެގޮތުން މާލެއާއި ރަށްރަށާއެކު ޖުމްލަ 131 ރަށު ދާއިރާއެއްގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެއެވެ.
ޕީއެންސީގެ ހިންގާ ގަވާއިދު އޮތްގޮތުން، އެ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައި ތިއްބެވި މެމްބަރުންނަކީ އެ ދާއިރާތަކުގެ ރައީސުން ކަމަށް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން، މި އިންތިޚާބުގައި ދާއިރާގެ ރައީސުން ހޮވާނީ މަޖިލީހުގައި ޕީއެންސީގެ މެމްބަރަކު ނެތް ދާއިރާތަކުގައި އެކަންޏެވެ.
އިންތިޚާބުގެ ވޯޓާސް ލިސްޓު މިހާރު އާންމުކޮށްފައިވާއިރު، ވޯޓުލެވޭނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުގައި އެޕާޓީގެ ނަމުގައި ދަފްތަރުވެފައިވާ މެމްބަރުންނަށް އެކަންޏެވެ. ލިސްޓަށް ޝަކުވާ ހުށަހެޅުމާއި އިންތިޚާބާ ގުޅޭ އެހެނިހެން ޝަކުވާތައް ހުށަހެޅުމުގެ ފުރުޞަތު ޕާޓީގެ ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ.
ޕީއެންސީގެ އަމާޒަކީ އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް އެ ޕާޓީގެ މަތީ މަޖިލީސް ބޭއްވުމުގެ ކުރިން ދާއިރާތަކުގެ އިންތިޚާބުގެ ހުރިހާ ކަމެއް ނިންމުމެވެ.



