ހުޅުމާލޭ 2 ގައި ޕާކުކޮށްފައި ހުރި ކާރުތަކެއްގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވުމުން، ސައިކަލު ދުއްވަން އިން މީހާ ފިލާފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 6:30 ހާއިރުއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ހުޅުމާލޭ 2 ގެ ބެރެބެދިމާ ހިނގުމުގެ 1 ނަންބަރު ގޯޅިން ދެކުނުން އުތުރަށް ދުއްވާފައި ދިޔަ ސައިކަލެއް ވަނީ އެ މަގުގައި ޕާކުކޮށްފައި ހުރި ކާރުތަކެއްގައި ޖެހިފައެވެ. އެކްސިޑެންޓުވި ވަގުތު ސައިކަލު ދުއްވަން އިން މީހާ ވަނީ ސައިކަލާއި އޭނާގެ ފަހަތުގައި އިން މީހާވެސް މަގުމައްޗަށް ދޫކޮށްލުމަށްފަހު ފިލާފައެވެ.
މި އެކްސިޑެންޓުގައި ސައިކަލުގެ ފަހަތުގައި އިން 21 އަހަރުގެ ފިރިހެނަކަށް ވަނީ އެކި ވަރުގެ އަނިޔާތައް ވެފައެވެ. އޭނާގެ ތުންފަތް ފަޅައިގެން ގޮސް، ގައިގެ އެކި ތަންތަން މަށައިގެން ގޮސްފައިވެއެވެ. މީގެ އިތުރުން، އެކްސިޑެންޓުވި ސައިކަލަށާއި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އިތުރު ހަތަރު ކާރަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މިއަދު ހިނގި މި ހާދިސާއާ ގުޅިގެން، ފުލުހުންގެ ތަހުގީގުގެ ބޭނުމަށް އެކްސިޑެންޓުވި ސައިކަލު މިހާރު ވަނީ ޓޯކޮށްފައެވެ. އަދި ސައިކަލު ދުއްވަން އިން މީހާ ހޯދުމުގެ މަސައްކަތުގެ އިތުރުން، ސައިކަލުގެ ފަހަތުގައި އިން މީހާއާ ސުވާލުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.




