ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދަށް ގެނައި 19 ވަނަ އިސްލާހު ގެޒެޓުކޮށް ޢާއްމުކޮށްފިއެވެ. މި އިސްލާހުގެ ދަށުން ކުއްލި ޙާލަތްތަކާ ގުޅިގެން އޮފީހަށް ހާޒިރުނުވެ ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ފުރުޞަތު މުވައްޒަފުންނަށް ލިބިގެންދާނެއެވެ.
ޤަވާއިދުގެ ދަށުން އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރުމުގެ ހުއްދަ ދެވޭނީ ސިއްހީ ވުޒާރާގައި ނުވަތަ ބޭރު ގައުމެއްގެ ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަރުކަޒަކުން ދޫކޮށްފައިވާ ބަލީގެ ލިޔުމަކަށް ރިޢާޔަތްކޮށް، އެ އިދާރާއެއްގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާގެ ހުއްދަޔާއެކުގައެވެ.
މި ހުއްދަ ދޫކުރެވޭނީ މުވައްޒަފާ ހަވާލުކޮށްފައިވާ މަސައްކަތަކީ އޮފީހަށް ހާޒިރުނުވެސް އެކަށީގެންވާ ގޮތެއްގައި ކުރެވޭނެ މަސައްކަތްތަކެއް ކަމުގައިވާނަމައެވެ. އަދި މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އެކަށޭނަ މާޙައުލެއް ހުރިކަން ކަށަވަރުކުރަންޖެހެއެވެ. މީގެ އިތުރުން، އެ އިދާރާއަކުން ދޭ އެއްވެސް ޚިދުމަތަކަށް މިކަމުގެ ސަބަބުން ހުރަސް އެޅިގެން ނުވާނެއެވެ.
އޮފީހަށް ހާޒިރުނުވެ މަސައްކަތްކުރާ މުވައްޒަފުންނާ ހަވާލުކުރެވޭ ޓާސްކުތައް ނިންމާ މިންވަރު ދުވަހުން ދުވަހަށް ސުޕަވައިޒުކޮށް މޮނިޓަރ ކުރަންޖެހޭނެއެވެ. ގޭގައި މަސައްކަތް ކުރިނަމަވެސް، އޮފީހަށް ހާޒިރުވާންޖޭ ފަދަ ޚާއްޞަ ޙާލަތެއް މެދުވެރިވެގެން އިދާރާއިން އަންގައިފިނަމަ މުވައްޒަފު އޮފީހަށް ހާޒިރުވާންޖެހޭނެއެވެ.
މުވައްޒަފަށް އެދެވޭ މިންވަރަށް މަސައްކަތް ނުކުރެވޭކަން އިދާރާއަށް ފާހަގަކުރެވިއްޖެނަމަ، ދީފައިވާ ހުއްދަ ކޮންމެ ވަގުތެއްގައިވެސް ނިމުމަކަށް ގެނައުމުގެ އިޚްތިޔާރު އިދާރާއަށް ލިބިގެންވެއެވެ. މި ޚިދުމަތަށް އެދެވޭނީ މަސައްކަތުގެ މަޢުލޫމާތާއި ސިއްރު ހިفެހެއްޓުމުގެ އިޤުރާރު ހިމެނޭ ޚާއްޞަ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުއެވެ.
މި ގަވާއިދުގެ ދަށުން ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ފުރުސަތުން ބައެއް ދާއިރާތަކާއި ވަޒީފާތައް ވަނީ އިސްތިސްނާކޮށްފައެވެ. އެއީ ކޮންމެހެން އޮފީހަށް ނުވަތަ މަސައްކަތުގެ މާޙައުލަށް ހާޒިރުވެގެން ނޫނީ މަސައްކަތް ނުކުރެވޭނެ ފަދަ ވަޒީފާތަކެވެ. އޭގެ ތެރޭގައި ޓީޗަރުންނާއި، ނަރުހުން ފަދަ ފަންނީ މުވައްޒަފުންގެ އިތުރުން އިދާރާތަކުގެ ހިންގުމުގެ އިސްފަންތީގެ މުވައްޒަފުން ހިމެނެއެވެ.



