ހުޅުމާލެއިން ތޫނު ހަތިޔާރާއެކު މާރާމާރީއެއް ރާވަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި

މާލެ އަދި ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތުގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 6 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ކޯޓު އަމުރެއްގެ ދަށުން ރައިވެރި ހިންގުމުގައި ހުންނަ ގެސްޓް ހައުސްއަކާއި އެ ސަރަހައްދު ބަލައި ފާސްކޮށްގެންނެވެ.

2026 ޖުލައި 2 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މުޅިންވެސް ދިވެހި ފިރިހެނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 30 އަހަރުގެ ދެ މީހުންނާއި، 23 އަހަރުގެ މީހަކާއި، 21 އަހަރުގެ މީހަކާއި، 34 އަހަރުގެ މީހެއްގެ އިތުރުން 32 އަހަރުގެ މީހެކެވެ.

އެ ސަރަހައްދު ބަލައި ފާސްކުރިއިރު އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭގެ ތެރެއިން 4 މީހަކު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ބާކީ ތިބި 2 މީހުން ކޯޓުން ދޫކޮށްލާފައިވަނީ ބައެއް ޝަރުތުތަކާ އެކުގައެވެ.

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރޭވި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް