ފިރިމީހާ މަރުވުމުން ހަށިގަނޑު ފާޚާނާ ތަޅުންގަނޑު ދަށުގައި ވަޅުލި އަންހެނަކު ހައްޔަރުކޮށްފި!

އިންޑިއާގެ އާގްރާގެ ސިކަންދުރާ ސަރަހައްދުގައި، ގެއްލިގެން ހޯދަމުންދިޔަ ފިރިހެނެއްގެ ކަށިތައް، އެގޭގެ ފާޚާނާ ތަޅުންގަނޑު ކޮނެގެން ފުލުހުން ހޯދައިފިއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެމީހާގެ އަންހެނުން ހައްޔަރުކޮށް، ސުވާލުކުރަން ފަށާފައެވެ.

ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، މަރުވެފައިވަނީ އުމުރުން 44 އަހަރުގެ ސުރެންދުރާ ކުމާރު ޝަރުމާ އެވެ. އޭނާ ދިރިއުޅެމުންދިޔައީ އޭނާގެ އަންހެނުން ރޫބީއާއި، މަންމަ ކަމްލާގެ އިތުރުން ދެ އަންހެން ދަރިންނާ އެކުގައެވެ. އާއިލާއިން ބުނިގޮތުގައި ސުރެންދުރާ އަކީ ވަޒީފާއެއް ނެތް، ބޯކޮށް ބަނގުރާބޯ މީހެކެވެ. އަދި މިކަމުގެ ސަބަބުން ގޭތެރޭގައި އަބަދުވެސް ޒުވާބު ހިނގައި، ގެވެށި އަނިޔާގެ މައްސަލަތައް ކުރިމަތިވެއެވެ.

ސުރެންދުރާގެ ކޮއްކޮ އަނިލް ޝަރުމާ ކިޔައިދިން ގޮތުގައި، މޭ 18 ވަނަ ދުވަހު ރޫބީ އޭނާއަށް ގުޅާފައި، ގޭގައި ފުލުހުންގެ ރޭޑެއް ކުރިއަށްދާ ކަމަށް ބުންޏެވެ. އަދި ސުރެންދުރާގެ މަންމައާއި ދެ ދަރިން އެގެއިން ގެންދިއުމަށް އެދުމުން އަނިލް އެމީހުން އޭނާގެ ގެއަށް ގެންދިޔައެވެ. ޖެހިގެން އައި ދުވަހު ރޫބީވެސް އެގެއަށް ގޮސް، ސުރެންދުރާ ގެއިން ބޭރަށް ގޮސްފައިވާ ކަމަށާއި 4 ނުވަތަ 5 ދުވަސް ތެރޭގައި އެނބުރި އަންނާނެ ކަމަށް ބުންޏެވެ.

ސުރެންދުރާ އެނބުރި ނައުމުން، މޭ 26 ގައި އަނިލްއާއި ރޫބީ ގުޅިގެން ފުލުހަށް މައްސަލަ ހުށަހެޅިއެވެ. މައްސަލައިގެ ތަޙުޤީޤަށް ސީސީޓީވީ ފުޓޭޖްތައް ބެލިނަމަވެސް އޭނާ ދިޔަތަނެއް ނޭނގުނެވެ. މި ދުވަސްވަރު ރޫބީ އުޅުނީ އޭނާގެ ފިރިމީހާ ގެއްލިގެން ވަރަށް ދެރަވެފައި ހުރި ކަމަށް ދައްކައިގެންނެވެ. ނަމަވެސް، ސުރެންދުރާގެ މަންމަގެ ޕެންޝަން ފައިސާ ޖަމާވާ ބޭންކް އެކައުންޓް ރޫބީ ކޮންޓްރޯލްކޮށް، މަންމައަށް ދެނީ ވަރަށް ކުޑަ ފައިސާކޮޅެއްކަން އަނިލްއަށް އެނގުމުން ރޫބީއަށް ކުރާ ޝައްކު ބޮޑުވިއެވެ.

ހުކުރު ދުވަހު ރޫބީ ވަނީ އަނިލް އެގެއަށް ގެނެސް، ސުރެންދުރާގެ ހަށިގަނޑު ވަޅުލާފައިވަނީ ފާޚާނާ ތަޅުންގަނޑު ދަށުގައި ކަމަށް ބުނެފައެވެ. މި މަޢުލޫމާތު ލިބުމާއެކު ފުލުހުން އެގެއަށް ގޮސް ކޮންކްރީޓް ތަޅުންގަނޑު ކޮނެ، އިންސާނެއްގެ ކަށިތައް ނަގައި ފޮރެންސިކް ތަހުލީލަށް ވަނީ ފޮނުވާފައެވެ.

ފުލުހުންގެ ސުވާލުތަކަށް ޖަވާބުދެމުން ރޫބީ ވަނީ ފިރިމީހާ މަރާލި ކަމަށް އިންކާރުކޮށްފައެވެ. އޭނާ ބުނިގޮތުގައި ސުރެންދުރާ މަރުވީ އަމިއްލައަށް ދަންޖެހިގެންނެވެ. އަދި އޭނާ މަރުވުމުން ޤާނޫނީ މައްސަލަތަކެއްގެ ތެރެއަށް ވަދެދާނެތީ ބިރުން، ހާސްވެގެން ހަށިގަނޑު ފާޚާނާ ތަޅުންގަނޑު ދަށުގައި ވަޅުލީއެވެ.

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ސައީދު އަލީ އައްބާސް ވިދާޅުވީ، މިއީ އަންހެނަކު އޭނާގެ ފިރިމީހާގެ ހަށިގަނޑު ފާޚާނާ ތަޅުންގަނޑު ދަށުގައި ވަޅުލި ކަމަށް ބުނާ މައްސަލައެއް ކަމަށާއި، މި މައްސަލައިގެ ހުރިހާ ފަރާތްތަކެއް ވަރަށް ބޮޑަށް ބަލަމުންދާ ކަމަށެވެ. ފުލުހުން މިހާރު އަންނަނީ މަރުވި ސީދާ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް އަދި ފޮރެންސިކް ރިޕޯޓްތަކަށް އިންތިޒާރު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް