މިނިސްޓަރު ހީނާ ތަކަންދޫ އަދި އުތީމުގެ ތަރިކަ މަޝްރޫއުތައް ބައްލަވާލައްވައިފި: ގައުމީ ދުވަހަށް އާރުޑީސީން ވަމުންދާ ތައްޔާރީއަށް ތައުރީފު

ހއ. ތަކަންދޫގައި ކުރިއަށްދާ ތަރިކަ ރައްކާތެރިކުރުމުގެ މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތާއި، އެ މަސައްކަތްތައް ކުރިއަށްދާ ގޮތް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު ހީނާ ވަލީދު ބައްލަވާލައްވައިފިއެވެ.

މިނިސްޓަރު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އުތީމާއި، ތަކަންދޫ އަދި ބާރަށުގައި ހުރި އާސާރީ ބިނާތައް ހިމާޔަތްކުރުމުގެ މަސައްކަތްތައް ބައްލަވާލެއްވުމަށާއި، ކުރިއަށް އޮތް ގައުމީ ދުވަހުގެ ތައްޔާރީތައް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ތަކަންދޫއަށް ވަޑައިގެން، އެރަށުގައި ހުރި ތާރީޚީ ބިނާތަކުގެ ހާލަތާއި މިހާރު ކުރިއަށްދާ މަރާމާތުގެ މަސައްކަތްތައް މިނިސްޓަރު ވަނީ އޮޅުންފިލުއްވާފައެވެ. އެގޮތުން ތަކަންދޫގައި ހުންނަ އުތީމު އަލިތަކުރުފާނުގެ ޒިޔާރަތާއި، ހިރިގަލު ގަބުރުސްތާނުގެ އިތުރުން ވެވު މަރާމާތުކުރުމުގެ މަސައްކަތް ހިނގާގޮތް ބައްލަވާލެއްވިއެވެ. މީގެ އިތުރުން ރަށުގެ ކުޅިތަކަށް ޒިޔާރަތް ކުރައްވައި، އެ ސަރަހައްދުތަކުގެ މުހިންމުކަމާ ގުޅޭގޮތުންވެސް މައުލޫމާތު ހޯއްދަވާފައިވެއެވެ.

މީގެ އިތުރުން ހއ އުތީމުގައި ހުރި އާސާރީ ތަންތަނަށާއި އެރަށުގައި ކުރިއަށްދާ ވުޒާރާގެ ޚާއްސަ ޕްރޮޖްކްޓް ސައިޓްތަކަށް ވަޑައިގެން އެތަންތަނުގެ ޙާލަތާއި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވައިލެއްވިއެވެ. މީގެ ތެރޭގައި ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އެރަށުގައި ކުރިއަށްދާ ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކުރުމުގެ ޤައުމީ މަޝްރޫޢުގެ މަސައްކަތްތައް ހިމެނެއެވެ. ސަރުކާރުގެ އަމާޒަކީ މި މަޝްރޫއުގެ ބައެއް، އަންނަ އޯގަސްޓް މަހުގެ 14 ވަނަ ދުވަހު ފާހަގަކުރާ ގައުމީ ދުވަހަށް ނިންމުމެވެ.

އުތީމުގައި ފަށާފައިވާ ތަރިކައިގެ މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ހީނާ ވިދާޅުވީ، ތަކުރުފާނުގެ ދޮރޯށީގެ މަސައްކަތާއި، ކަނދުވަލު މިސްކިތް މަރާމާތުކުރުމުގެ އިތުރުން "ވާހަކަ ވައު" ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް މިއަހަރުގެ ގައުމީ ދުވަހުގެ ކުރިން ނިމި، ރަސްމީކޮށް ހުޅުވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތްތަކަށް ތައުރީފު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މި އާސާރީ ތަންތަން ތަރިކައިގެ ގޮތުގައި ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި ރަށުގެ ރައްޔިތުން ކުރަނީ ބުރަ މަސައްކަތެއް ކަމަށެވެ. އަދި އާރްޑީސީންވެސް މަސައްކަތްތައް ވަރަށް ބާރު މިނެއްގައި ކުރިއަށްގެންދާތީ، ގައުމީ ދުވަސް އަންނަންވާއިރަށް ހުރިހާ ކަމެއް ނިމި ބިނާތައް ހުޅުވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް