ފުލުހުންގެ އެންމެ ވަރުގަދަ ހަތިޔާރަކަށް ވާންޖެހޭނީ ބެޓަންއާއި ޕެޕާ ސްޕްރޭގެ ބަދަލުގައި ރައްޔިތުންގެ އިތުބާރު ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިހުސާން މިފަދައިން ވިދާޅުވީ އައްޑޫ ސިޓީގައި ބޭއްވި ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ފުލުހުން އަބަދުވެސް މަސައްކަތް ކުރަންވާނީ ރައްޔިތުންގެ އިތުބާރު މިހާރަށް ވުރެ ވެސް ބޮޑަށް ހޯދުމަށް ކަމަށެވެ. އަދި ފުލުހެއްގެ އެންމެ ވަރުގަދަ ހަތިޔާރަކަށް ވާންޖެހޭނީ ބެޓަންއާއި ޕެޕާ ސްޕްރޭ ފަދަ އާލާތްތަކުގެ ބަދަލުގައި، ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނަށް އޮންނަ އިތުބާރާއި ގަދަރުކަން އެނާ ހަނދާންކޮށްދެއްވިއެވެ.
ނަޒާހާތްތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު އިޙްސާން ވަނީ އައު އޮފިސަރުންނަށް ވަރުގަދަ އިންޒާރެއްވެސް ދެއްވާފައެވެ. އެގޮތުން، ފުލުހެއްގެ ނަޒާހާތްތެރިކަން ގެއްލުވާލާ ދުވަހަކީ އެ މީހަކަށް ފުލުހުންގެ ޔުނިފޯމް އެޅުމުގެ ހައްގު މުޅިން ގެއްލިގެންދާނެ ދުވަސްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑު ދޭނެ ނަސޭހަތަކީ ތި ބޭފުޅުންގެ އިންޓެގްރިޓީ ރައްކާތެރި ކުރައްވާށޭ އެންމެ މަތީ ހަރުފަތުގައި،" ޒުވާން އޮފިސަރުންނަށް ނަސޭހަތްތެރިވަމުން މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ގާނޫނު ތަންފީޒުކުރުމުގެ މައިދާނުގައި އެއްވެސް މީހަކު ގާނޫނަށް ވުރެ މަތީގައި ނުހުންނާނެކަން ހަނދާންކޮށްދެއްވައި، ވަކި ފަރާތަކަށް ޖެހުމެއްނެތި، ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއެކު ގާނޫނު ނަގަހައްޓަން ޖެހޭނެ ކަމަށް އިރުޝާދު ދެއްވިއެވެ.
ޒަމާނާއި ޓެކްނޮލޮޖީއަށް އަންނަމުންދާ ބަދަލުތަކާއެކު ކުށްކުރާ ގޮތްތަކަށް ބަދަލު އަންނަމުންދާތީ، ހަމައެކަނި އަސާސީ ތަމްރީނުން ނުފުދޭނެ ކަމަށާއި، އާ އޮފިސަރުން ޓެކްނޮލޮޖީގެ ކުށްތަކަށް އަހުލުވެރިވެ، ސަމާލުވެ ތިބުމަށް މިނިސްޓަރު އިރުޝާދު ދެއްވިއެވެ. މީގެ އިތުރުން، ގާނޫނު ތަންފީޒުކުރުމުގައި ވަކި މީހަކަށް ތަފާތުކުރުމެއް ނެތި، ނަޒާހާތްތެރިކަން އެންމެ މަތީ ހަރުފަތުގައި ހިފެހެއްޓުމަށް ގޮވައިލައްވަމުން، ފުލުހެއްގެ އިންޓެގްރިޓީ ގެއްލޭ ދުވަހަކީ ޔުނިފޯމް އެޅުމުގެ ހައްގުވެސް ގެއްލޭނެ ދުވަސްކަމުގެ އިންޒާރު މިނިސްޓަރު ދެއްވިއެވެ.
ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ބަލިމަޑުކަމަކީ މަސްތުވާތަކެތީގެ މައްސަލަކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރާވައިގެން ހިންގާ ބޮޑެތި ކުށްތަކަށް ޚަރަދުކުރަނީވެސް ޑުރަގު ވިޔަފާރީގެ ފައިސާއިން ކަމަށެވެ. އެހެންކަމުން ރާއްޖެއިން މަސްތުވާތަކެތި ނައްތާލުމަކީ ފުލުހުންނާ ހަވާލުވެފައިވާ އެންމެ މުހިންމު ޒިންމާ ކަމަށާއި، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި މިދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާކަން އެނާ ފާހަގަކުރެއްވިއެވެ.
އަދި އަލަށް ގުޅުނު 140 އޮފިސަރުންނާއެކު، ސަރުކާރުގެ ބާކީ އޮތް ދެ އަހަރާއި ބައިގެ ދައުރުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައަށް ދިވެހި ރައްޔިތުން އެދޭފަދަ ދާއިމީ ހައްލެއް ހޯދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު އިޙްސާން ދެއްވިއެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާއިރު، ވަކި ބާވަތްތަކެއްގެ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް ގާނޫނަށް ވަނީ އިސްލާހުވެސް ގެނެސްފައެވެ.



