ސްރީލަންކާގައި ހަލުވިކަމާއެކު ޑެންގީ ހުން ފެތުރި ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާތީ، އެކަމަށް އިޖާބަދިނުމުގެ ގޮތުން މަދިރި އާލާވާ ތަންތަން ނައްތާލުމުގެ ހާއްސަ މަސައްކަތްތަކަށް އެ ގައުމުގެ އަސްކަރިއްޔާނެރެފިއެވެ.
އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސާނަޔަކަގެ އަމުރުފުޅަށް ސިފައިން ނެރެފައިވާއިރު، ސިއްހީ އޮފިޝަލުން ހާމަކުރާ ގޮތުގައި މިހާރު ދުވާލެއްގެ މައްޗަށް 1,000 އަށްވުރެ ގިނަ މީހުން ޑެންގީ ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަން ޖެހެއެވެ.
އެ ގައުމުގެ ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 50,000 މީހުންނަށް ބަލިޖެހި، 29 މީހުން ވަނީ މަރުވެފައެވެ. މިއީ 2017 ވަނަ އަހަރު ކުރިމަތިވި ނުރައްކާތެރި ހާލަތާ އަޅާބަލާއިރު މަދު އަދަދެއް ނަމަވެސް، ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާތީ ކަމާބެހޭ ފަރާތްތަކުން ދަނީ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަމުންނެވެ.
މި ހާލަތު އިތުރަށް ގޯސްވާން ދިމާވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކޮލަމްބޯގައި ހުންނަ ހެލްތު މިނިސްޓްރީ އާއި ނޭޝަނަލް ހޮސްޕިޓަލް ކައިރީގައި ކުނި ގިނަވެފައި ހުރުމުގެ ސަބަބުން، އެ ސަރަހައްދުތައް މަދިރި އާލާވުމަށް ފަހި މާހައުލަކަށް ވެފައިވުން ހިމެނޭ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން ސަރުކާރުން މިހާރު ވަނީ މުޅި ގައުމުގައި ސާފުކުރުމުގެ ބޮޑު ކެމްޕޭނެއް ފަށާނެކަން އިއުލާނުކޮށް، އަމިއްލަ ގޯތިގެދޮރުގައި މަދިރި އާލާވާ ގޮތަށް ތަންތަން ބަހައްޓާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކުރާ ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކާއި، ބޯކޮށް ވާރޭވެހުމާއި، ފެންބޮޑުވުމުގެ އިތުރުން ކުނި މެނޭޖްކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން މުޅި ދުނިޔޭގައި ވެސް 'އެއިޑީޒ' މަދިރީގެ ޒަރީއާއިން ފެތުރޭ މި ބަލި އިތުރުވެފައިވެއެވެ. ގަދައަށް ހުން އައުމާއި، ބޮލުގައި ރިއްސުމާއި، މަސްތަކުގައި ރިއްސުން ފަދަ އަލާމާތްތައް ފެންނަ މި ބަލީގެ ސަބަބުން، ބަލި ބޮޑުވާ ހާލަތްތަކުގައި ފުރާނައަށް ނުރައްކާވާ ފަދަ ކަންތައްތައް މެދުވެރިވެއެވެ.



