ދަރިންނަށް ދޭންޖެހޭ ޚަރަދު ނުދޭތީ، އދ. މަންދޫ، ނޫރަންމާގެ މުހައްމަދު ހަބީބުގެ ފޮޓޯއާއި ވަނަވަރު ރަސްދޫ މެޖިސްޓްރޭޓް ކޯޓުން އާންމުކޮށްފިއެވެ. ކޯޓުން ބުނި ގޮތުގައި މިއީ ކޯޓު މެދުވެރިކޮށް ދަރިފުޅަށް ދައްކަންޖެހޭ ޚަރަދު ނުދައްކާ އުޅޭ މީހެކެވެ.
މުހައްމަދު ހަބީބުގެ ވަނަވަރާއި ފޮޓޯ އާންމުކުރީ، ސާބިތު ޚަރަދަށް ފައިސާ ނުދައްކާ ފަރާތްތަކާ މެދު ކޯޓުން އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން ކަމަށް ރަސްދޫ ކޯޓުން ވަނީ ބަޔާންކޮށްފައެވެ. މިފަދަ ފިޔަވަޅުތަކުގެ ބޭނުމަކީ ކޯޓުން ނިންމާފައިވާ ގޮތަށް ދަރިންގެ ޚަރަދު ފޯރުކޮށްދިނުމަށް ބާރުއެޅުމެވެ.
ދަރިންނަށް ޚަރަދު ނުދޭ މީހުންގެ ފޮޓޯއާއި ވަނަވަރު އާންމުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުން އެންމެ ފުރަތަމަ ފެށީ 2024 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. މި ސަގާފަތް އެންމެ ފުރަތަމަ ތައާރަފުކުރީ ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓުންނެވެ.
ހިންނަވަރު ކޯޓުން މި ފިޔަވަޅު އަޅަން ފެށިފަހުން، މާލޭގެ ފެމިލީ ކޯޓުންނާއި ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ވެސް ވަނީ ދަރިންނަށް ސާބިތު ޚަރަދު ނުދޭ ބައެއް މީހުންގެ ވަނަވަރު މީގެ ކުރިން އާންމުކޮށްފައެވެ.




