ކ. އަތޮޅުގެ ރިސޯޓަކުން ސްނޯކްލިންގަށް ގޮސް އުޅުމުގެ ތެރޭގައި އޮޔާދިޔަ ޗައިނާގެ ފަތުރުވެރިއަކު، ފުލުހުންގެ ދަތުރުކުރި ލޯންޗަކަށް ފެނިގެން ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު މެންދުރުފަހު 14:26 އެހާކަންހާއިރު މި ފަތުރުވެރިޔާ ފެނިފައިވަނީ، މާލެއިން ފުރައިގެން ދ. ވާނީއަށް ދަތުރުކުރަމުންދިޔަ ފުލުހުންގެ "ލޯންޗް 54" އަށް ކަމަށެވެ. ފަތުރުވެރިޔާ އޮޔާ ގޮސްފައިވަނީ އޭނާ ހުރި ރިސޯޓާ ގާތްގަނޑަކަށް މޭލެއްހާ ބޭރަށެވެ.
ފުލުހުންގެ ލޯންޗަށް މި ފަތުރުވެރިޔާ ފެނުމާއެކު، ވަގުތުން އޭނާ ކަނޑުމަތިން ނަގައި ސަލާމަތްކޮށްފައިވެއެވެ. އަދި ރައްކާތެރިކަމާއެކު އަނބުރާ އޭނާ ހުރި ރިސޯޓަށް ގެންގޮސްދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
"ފުލުހުންގެ އެހީތެރިކަމާއެކު ރިސޯޓާ ހަވާލުކުރި ފަތުރުވެރިޔާގެ ހާލު މިހާރު ރަނގަޅެވެ."
މި ހާދިސާއާ ގުޅިގެން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް، ހާއްސަކޮށް ފަތުރުވެރިން ގޮވައިގެން މޫދަށް އެރޭ ފަރާތްތަކުން މޫސުމަށާއި އޮޔަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.



