އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލުމުގައި އޭނާގެ ފިރިމީހާއާއެކު ބައިވެރިވުމުގެ ދައުވާލިބޭ ހަލީމަތު ލަމްހާ 15 އަހަރާއި ހަތަރު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އޮކްޓޫބަރު 2021 ގައި މޭރީއަށް ހަމަލާދީ މަރާލި މި މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައި (މިހާރުގެ ނަމުން ޔޫސުފް) ގެ މައްޗަށް ކުށް ސާބިތުވެ، 25 އަހަރުގެ ޖަލު ހުކުމެއް މިއަދު ހެނދުނު ވަނީ އިއްވާފައެވެ.
ކްރިމިނަލް ކޯޓުން މިއަދު މެންދުރުފަހު ބޭއްވި އަޑުއެހުމުގައި ލަމްހާގެ މައްޗަށް ޖުމްލަ ތިން ދައުވާއެއްގެ ކުށް ސާބިތުވެ، އަދަބު ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެނގިހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ އަދަބެއްގެ ގޮތުން 15 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާގެ އަދަބެއްގެ ގޮތުން ތިން މަހުގެ ޖަލު ހުކުމެއް އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާގެ އަދަބެއްގެ ގޮތުން އެއް މަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ނަމަވެސް، ލަމްހާ މިހާތަނަށް ބަންދުގައި ތިން އަހަރާއި ފަސް މަހާއި 25 ދުވަސް ހޭދަކޮށްފައިވާތީ، އޭނާ ތަންފީޒު ކުރަން ޖެހޭ އަދަބުން އެ މުއްދަތު އުނިވާނެއެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން އެދުނީ ލަމްހާ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި ދުވަސްވަރު އެ އަމަލު ހިންގާފައިވާތީ އޭނާއަށް އެންމެ ބޮޑު އަދަބު ކަނޑައަޅައިދިނުމަށެވެ. މީގެ އިތުރުން ދުރާލާ ރާވައިގެން، އެއްވެސް ކުލުނެއް ނެތި ހިންގި އެ އަމަލުގެ ސަބަބުން މޭރީގެ ދަރިފުޅު ބޭރު ގައުމެއްގައި ނިކަމެތިވެ، މަންމަގެ ލޯބިން މަހުރޫމްވިކަން ދައުލަތުން ފާހަގަކުރިއެވެ. އަދި މޭރީ މަރާލުމުގެ އަސްލު މަގުސަދަކީ މާވިންއާ އެކު އޮތް ލޯބީގެ ގުޅުން ކުރިއަށް ގެންދިއުން ކަމަށްވެސް ދައުލަތުން ބުންޏެވެ.
މި ހުށަހެޅުންތަކާ ގުޅިގެން ލަމްހާގެ ފަރާތުން އެދުނީ އޭނާގެ މައްޗަށް ޖަލު އަދަބުގެ ބަދަލުގައި ގޭ ބަންދަށް ނުވަތަ ޖޫރިމަނާގެ އަދަބެއް ކަނޑައަޅައިދިނުމަށެވެ. ލަމްހާގެ ވަކީލު ފާހަގަކުރެއްވި ގޮތުގައި އޭނާގެ 58 އަހަރުގެ މަންމައަކީ އެކަނި ދިރިއުޅޭ މީހަކަށްވެފައި، ލަމްހާއަކީ ތައުލީމުގެ އެހީގައި ކުދިންނަށް ޓިއުޝަންދީ އަދި ފަހައިގެން އާމްދަނީ ހޯދައި މަންމައަށް އެހީތެރިކަން ފޯރުކޮށްދެވޭނެ މީހެކެވެ. އަދި ކުށުގެ އަދަބާ އަޅާ ބަލާއިރު ލަމްހާ މިހާރުވެސް ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާތީ، އޭނާ އިތުރަށް ޖަލުގައި ބެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ނޫން ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
ނަމަވެސް، އެ މައްސަލަ ބެއްލެވި ގާޒީ މުޒައްމިލް ނާސިރު ނިންމެވީ ލަމްހާގެ މައްޗަށް ޖަލު އަދަބުގެ ބަދަލުގައި އެހެން އަދަބެއް ކަނޑައަޅަން ޖެހޭ ނުވަތަ އަދަބު ދަށް ކުރަން ޖެހޭ އެއްވެސް ގާނޫނީ ހާލަތެއް ނެތް ކަމަށެވެ. ގާޒީ ވިދާޅުވީ އެ ކުށުގައި ލަމްހާ އަދާކުރި ދައުރާއި އެކަމުގައި ބައިވެރިވި މިންވަރު ބޮޑުވުމުގެ އިތުރުން، މޭރީގެ މަރު ފޮރުވަން މަސައްކަތް ކޮށްފައިވާތީ އޭނާގެ އަދަބުގެ ދަރަޖަ މަތިކުރަން ޖެހޭ ކަމަށެވެ. އަދި މޭރީ މަރާލުމުގެ ގަސްތު ލަމްހާގެ އޮތް ކަމާއި، އެކަމުގައި އެންމެ މަތީ ދަރަޖައަށް އޭނާ ބައިވެރިވެފައިވާކަން ޝަރީއަތަށް ސާބިތުވާކަމަށް ގާޒީ ބަޔާންކުރެއްވިއެވެ.
ދައުލަތުގެ ދައުވާގައިވާ ގޮތުން މާވިން އާއި ލަމްހާ ރާވައިގެން މޭރީ މަރާލުމަށްފަހު، އެކަން ފޮރުވުމަށް މޭރީ އަމިއްލައަށް ދަންޖެހުނީ ކަމަށް ބުނެ ރިޕޯޓްކުރީ މާވިންއެވެ. އަދި މޭރީ މަރާލި ވަގުތު، ކުށުގެ އަމަލު ހިންގުމަށް މަގުފަހިކުރުމުގެ ގޮތުން މޭރީގެ ކުޑަ ދަރިފުޅު ގޮވައިގެން އެހެން ގެއަކަށް ގޮސް އެ ކުއްޖާ ބެލެހެއްޓުމާ ހަވާލުވީ ލަމްހާއެވެ.




