ފިރުޒުލް

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޑެޓްގެ ބޯޑް މެމްބަރުކަމާއި މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް، މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް މިއަދު ހަމަޖައްސައިފިއެވެ. ފިރުޒުލް މި މަގާމަށް އައްޔަންކުރެއްވިއިރު، އޭނާއަކީ ފާހަގަކޮށްލެވޭ ފަދަ މުހިންމު ސަރުކާރުގެ މަގާމުތަކެއް ކުރިންވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ފިރުޒުލް އެ މަގާމަށް އައްޔަންކޮށްފައިވަނީ ކުރިން ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލް އެމަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ޝަކީލް މަގާމުން އިސްތިއުފާ ދެއްވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އޭނާ އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވައި، މަޖިލީހުގެ ފުރިހަމަ ރުހުން ލިބުމާ އެކުގައެވެ. އަދި އިއްޔެގެ ވަގުތެއްގައި ޝަކީލް ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް އައްޔަންކުރައްވާފައެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ ބޮޑު ޒިންމާއާ ފިރުޒުލް ހަވާލުވެވަޑައިގަތުމުގެ ކުރިން، އޭނާ ހުންނެވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީގެ މަގާމުގައެވެ.

މީގެ އިތުރުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެން އުފެއްދި އިންތިހާބީ އޮފީހުގެ އިންތިގާލީ މަރުހަލާގެ ރަސްމީ ތަރުޖަމާނުގެ މަގާމުވެސް ފިރުޒުލް ވަނީ ވަރަށް ކާމިޔާބުކަމާއެކު އަދާކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް