ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ޖޫން މަހު ހުށަހެޅުއްވި މި ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ.
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓު ގާނޫނު ކުރިން އޮތްގޮތުން ސިނގިރޭޓަކުން 8 ރުފިޔާގެ ޑިއުޓީއެއް ނަގަމުންދިޔައެވެ. ނަމަވެސް މިއަދު ފާސްކުރި އިސްލާހާއެކު އެ އަދަދު ވަނީ 4 ރުފިޔާއަށް ދަށްކޮށްފައެވެ. ސިނގިރޭޓުގެ އިތުރުން ބިޑިއާއި، ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތައް ނުވަތަ ހީޓަޑް ޓޮބޭކޯއިން ނަގާ ޑިއުޓީވެސް 4 ރުފިޔާއަށް ކުޑަކުރަން މި ބިލުގައި ވަނީ ހިމަނާފައެވެ. މި ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރި އާމްދަނީ ދަށަށްދާނެއެވެ.
މި ބިލުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ބާރުއެޅުމުގެ ގޮތުން މުހިންމު ކަމެއް ވަނީ ހިމަނާފައެވެ. އެގޮތުން ދުންފަތާ ދުރުވުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗް ފަދަ ތަކެތިން ނަގަމުންދިޔަ ޑިއުޓީ މުޅިން ކަނޑާލުމަށް ވަނީ ފާސްކޮށްފައެވެ.
މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރެއްވުމުންނެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެއާގުޅޭ ގަވާއިދުތަކާއި އުސޫލުތައް އިސްލާހުކޮށް އާންމުކުރަންޖެހޭނެއެވެ.




