މަސްތުވާތަކެތި ގެއްލުނު މައްސަލައެއްގައި މީހަކު ރަހީނުކޮށް، އޭނާގެ އިނގިއްޔެއް ބުރިކޮށްލައި ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި ދައުވާލިބުނު މީހުންނާ ދެކޮޅަށް ހެކިބަސް ދޭނެ މީހަކު ނެތް ނަމަވެސް، އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ސިފައިންގެ ދެ މީހަކާއެކު ޖުމްލަ ފަސް މީހެއްގެ މައްޗަށް ދައުލަތުން ތަފާތު ދައުވާތައް އުފުލިއެވެ. ކްރިމިނަލް ކޯޓުން ހޯމަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަނީ އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ބޮޑެތި ޖަލު ހުކުމްތަކެއް އިއްވާފައެވެ.
އަނިޔާ ލިބުނު މީހާގެ އިނގިލި ބުރިކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ދައުވާ ސާބިތުވެގެން އެންމެ ބޮޑު އަދަބެއް އިއްވީ ގދ. ގައްދޫ، ހުދުވެލި، އަހްމަދު ސާއިފް ވަހީދުގެ މައްޗަށެވެ. ޕައިޕް ކަޓަރުން އިނގިލި ބުރިކުރި ކަން ސާބިތުވުމުން އޭނާގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް ބަންދުގައި ހުރި މުއްދަތު ކެނޑުމަށްފަހު އޭނާ ތަންފީޒު ކުރަން ޖެހޭނީ 12 އަހަރާއި 11 މަހާއި 24 ދުވަހެވެ.
މީގެ އިތުރުން، އިނގިލި ބުރިކޮށްލަން އަންގައި ހޫނު ވަޅި ޖެއްސި ރ. ކަނދޮޅުދޫ، އަލީ ސާމީ މިހުރާގެ މައްޗަށާއި، އިނގިލި ބުރިކުރި ވަގުތު އަތުގައި ހިފަހައްޓައިގެން އެހީތެރިވި ތ. ތިމަރަފުށި، މުހައްމަދު ނައުޝާން ހުސައިންގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ބަންދު މުއްދަތު އުނިކުރުމުން އެ ދެ މީހުން ތަންފީޒު ކުރަން ޖެހޭނީ 7 އަހަރާއި 11 މަހާއި 24 ދުވަހުގެ ޖަލު ބަންދެކެވެ.
މި މައްސަލައިގައި ހިމެނޭ ސިފައިންގެ ދެ މީހުންގެ ތެރެއިން ލ. ގަން، އަހްމަދު ޒަޔާންގެ މައްޗަށް ސާބިތުވީ އަނިޔާ ލިބުނު މީހާ ރަހީނުކޮށް އަނިޔާ ދެމުންދާ ކަން އެނގިހުރެ އެހީތެރިކަން ފޯރުކޮށްދީފައިނުވާ ކަމުގެ ކުށެވެ. އޭނާގެ މައްޗަށް 3 މަހުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، ބަންދުގައި އެއަށްވުރެ ގިނަ ދުވަހު ހުރިހުމުން އިތުރަށް ތަންފީޒު ކުރާނެ އަދަބެއް ނެތް ކަމަށް ކޯޓުން ކަނޑައެޅިއެވެ. ދެން ހިމެނޭ ސިފައިންގެ މީހާ ކަމަށްވާ ކ. މާފުށި، މުހައްމަދު ނަފާހުގެ މައްޗަށް ކުށުގެ ނިޔަތް އޮތްކަން ދައުލަތަށް ސާބިތުކޮށްނުދެވުމުން އޭނާގެ މައްޗަށް ކުށް ސާބިތެއް ނުވެއެވެ.
ހެކިބަސް ބަދަލުކުރުން: ކޯޓުން ބުރަވީ ސައިންޓިފިކް ހެކިތަކަށް
މި މައްސަލައިގައި އަނިޔާ ލިބުނު މީހާ ފުލުހުންގެ ތަހުގީގަށް ވަރަށް ތަފްސީލީ ބަޔާނެއް ދިން ނަމަވެސް، ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެމުން އޭނާ ވަނީ ވާހަކަ މުޅިން ބަދަލުކޮށްފައެވެ. ހެކިބަސް ދެމުން އޭނާ ބުނެފައިވަނީ އޭނާއަށް އަނިޔާ ދިން މީހުން ނުދަންނަ ކަމަށާއި ދައުވާ ލިބޭ މީހުން އޭނާއަށް އެއްވެސް އަނިޔާއެއް ކޮށްފައިނުވާ ކަމަށެވެ.
ނަމަވެސް، މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ނިންމެވީ އަނިޔާ ލިބުނު މީހާ ކޯޓުގައި ހަދަނީ ދޮގު ކަމަށެވެ. ގާޒީ ބުރަވެވަޑައިގަތީ ދައުލަތުން ހުށަހެޅި ކިތާބީ ހެކިތަކަށެވެ.
ކޯޓުގެ ނިންމެވުން: އަނިޔާ ލިބުނު މީހާ ތަހުގީގަށް ކިޔައިދީފައިވާ ތަފްސީލުތަކާއި، ދައުލަތުން ހުށަހެޅި ސީސީޓީވީ ފުޓޭޖުތަކާއި މޯބައިލް ފޮރެންސިކް ރިޕޯޓްތަކުން ލިބޭ މައުލޫމާތާ ސީދާ ދިމާވެއެވެ. އެހެންކަމުން މިއީ އިންކާރު ކުރެވެން ނެތް ސާބިތު ހެކި ކަމަށް ގާޒީ ކަނޑައެޅުއްވިއެވެ.
އަނިޔާ ލިބުނު މީހާ ތަހުގީގަށް ކިޔައިދީފައިވާ ގޮތުގައި އޭނާ ރަހީނުކޮށް އަނިޔާކުރީ އޭނާއަށް ދިން މަސްތުވާތަކެތި ގެއްލުމާ ގުޅިގެންނެވެ. އެ ތަކެއްޗަށްވާ ފައިސާ ނުދެވޭ ނަމަ، އޭނާގެ ކިޑްނީ ވިއްކާލަން ނޫން ނަމަ ރާއްޖޭން ބޭރަށް ގޮސް އެ އަދަދުގެ މަސްތުވާތަކެތި ގެންނަން އަންގައި ދިޔައީ ޑިމާންޑް ކުރަމުންނެވެ.
އެޕާޓްމެންޓެއްގެ ތެރޭގައި އޭނާ ގޮނޑިއެއްގައި ބަނދެ، ކަރަށް ކަންވާރު މަޅިއެއް އަމުނައި، އެ ތަނަށް އަންނަ ކޮންމެ މީހަކުވެސް އޭނާއަށް އަނިޔާ ކުރަމުންދިޔައެވެ. އަދި އޭނާ ރަހީނުކޮށްފައި ހުރި ވާހަކަ މީހެއް ކައިރީ ބުނި ކަމަށް ބުނެ އުފެދުނު ހަމަނުޖެހުމެއްގައި ޕައިޕް ކަޓަރަކުން އޭނާގެ ވާތު ކުޑަވައި އިނގިލި ބުރިކޮށް، ހޫނު ވަޅި ޖައްސައި އަދި ޓޭޒާ ގަން ވެސް ޖައްސާފައިވެއެވެ.
އޭނާ ސަލާމަތްވީ ޓޯޗާކުރި އަނެއް ދުވަހު ބަލަހައްޓަން އޮތް މީހާ ނިދާފައި އޮތް ވަގުތު ބަލައި، ފިލައިގެން ގޮސް އޭނާގެ މަންމައާ އެކު ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯދި ހިސާބުންނެވެ. އޭނާ އަމިއްލައަށް މި މައްސަލަ ފުލުހަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.



