ވައިޑް ބޮޑީ އެއަރ ކްރާފްޓުގެ ޚިދުމަތް ފެށުމުން ލިބޭ އެންމެ މުހިންމު ކުރިއެރުމަކީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭނުންވާ ޚާއްޞަ ހާލަތްތަކުގައި އެ އެއަރކްރާފްޓް ބޭނުންކުރަން ފުރުޞަތު ލިބުންކަމަށް، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު އަމީން ފާހަގކުރެއްވި ގޮތުގައި، ހަނގުރާމައެއް ފަދަ ނުރައްކާތެރި ހާލަތެއް ދިމާވާއިރު ރާއްޖޭގެ އަމިއްލަ ކޮންޓްރޯލް އޮތް ވައިޑްބޮޑީ އެއަރ ކްރާފްޓެއް އޮތުމުގެ މުހިންމުކަން ވަރަށް ބޮޑެވެ. މިފަދަ ބޯޓެއްގެ ސަބަބުން ޤައުމަށް ދިމާވާ އިމަޖެންސީ ޙާލަތްތަކުގައި ބޭރުގެ އެހީއަށް އެކަނި ބަރޯސާވާން ނުޖެހި، އަމިއްލަ ބާރުވެރިކަން ލިބިގެންދެއެވެ.
"އެނގިވަޑައިގަންނަވާނެ ކޯވިޑްގެ ހާލަތުގައި ވެސް ރާއްޖޭގެ އެއަރބަސް އޮޕަރޭޝަން އޮތީމަ ރާއްޖެއަށް ލިބިގެންދިޔަ ޒަރޫރީ ބޭސްގެނައުމަށް ފުރުސަތު،" ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ފެށި މި އޮޕަރޭޝަނަށް 16 މަސް ދުވަސް ވެފައިވާއިރު، މިހާތަނަށް 67,000 އަށްވުރެ ގިނަ މީހުން ވަނީ މި ޚިދުމަތް ބޭނުންކޮށްފައެވެ. މީގެ ތެރެއިން 55,000 އަކީ ފަތުރުވެރިންނެވެ. މީގެ އިތުރުން ޙައްޖާއި ޢުމްރާގެ ދަތުރުތަކަށާއި، މުހިންމު އެހެން ބޭނުންތަކަށްވެސް މި ބޯޓު ޗާޓަރުކޮށްގެން ދަނީ ބޭނުންކުރަމުންނެވެ.
މިހާރު މި އެއަރކްރާފްޓް ދަތުރުކުރާ މަންޒިލްތަކުގެ ތެރޭގައި ޗައިނާގެ 3 މަންޒިލެއްގެ އިތުރުން އޮސްޓްރޭލިއާ އަދި ސައުދީ އަރަބިއްޔާ ހިމެނެއެވެ. އަދި މީގެ އިތުރުންވެސް ޑިމާންޑް އޮންނަ އެކި މަންޒިލްތަކަށް ދަތުރުތައް ބާއްވަމުންދެއެވެ.
މޯލްޑިވިއަންއިން މިހާރު ބޭނުންކުރާ 264 މީހުންގެ ޖާގައިގެ ވައިޑް-ބޮޑީ ބޯޓުގެ އިތުރުން، ޤައުމީ އެއަރލައިންގެ ޚިދުމަތް ބައިނަލްއަޤްވާމީ ގޮތުން އިތުރަށް ފުޅާކުރުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ. އެގޮތުން ރައީސްގެ ވައުދުފުޅާ އެއްގޮތަށް، ދެވަނަ ވައިޑް ބޮޑީ ބޯޓެއް ގެނައުމުގެ މަސައްކަތް އައިލެންޑް އޭވިއޭޝަނުން ދަނީ ކުރަމުންނެވެ.
މި އާ ބޯޓު މިއަހަރުގެ ފަހުކޮޅު ރާއްޖެއަށް ގެނައުމަށް ތައްޔާރުވަމުންދާއިރު، މޯލްޑިވިއަންގެ ވައިޑްބޮޑީގެ ދަތުރުތައް ދެކުނު އެފްރިކާއަށް ފެށުމަށް ބޭނުންވާ އެއްބަސްވުންތައްވެސް މިހާރު ވަނީ ހަދާފައެވެ. އެހެންކަމުން ވަރަށް އަވަހަށް އެފްރިކާގެ މަންޒިލްތަކަށްވެސް ދަތުރުތައް ފެށިގެންދާނެއެވެ.



