އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްކަމުގެ މަޤާމަށް މުޙައްމަދު ޝަކީލް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގުނު ވޯޓުގައި ޝަކީލް އީސީގެ ރައީސްކަމަށް އައްޔަންކުރަން ފެންނަކަމަށް 51 މެންބަރުން ވޯޓު ދެއްވިއިރު، ނުފެންނަކަމަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ. މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ މިހާރުގެ އަދަދުތަކަށް ބަލާއިރު ބޭނުންވަނީ މަދުވެގެން 30 މެންބަރުންގެ ވޯޓެވެ. އެހެންކަމުން ބޮޑު އަޣްލަބިއްޔަތަކުން ޝަކީލަށް ވަނީ މަޖިލީހުގެ ރުހުން ލިބިވަޑައިގެންފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ޒާހިދު ކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޤާނޫނުގައިވާ ގޮތުން އީސީގެ ރައީސްކަމަށް ބޭފުޅަކު އައްޔަންކުރެވޭނީ ކޮމިޝަނަށް ކަނޑައަޅާފައިވާ ޖުމްލަ 5 މެންބަރުންގެ އަދަދު ފުރިހަމަވުމުންނެވެ.
މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ ޝަކީލް ފުރަތަމަ އީސީގެ މެންބަރުކަމަށް އައްޔަންކުރެއްވީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އެއާއެކު ކޮމިޝަނުގެ 5 މެންބަރުންގެ ޢަދަދު ހަމަވުމުން، އޭނާ ކޮމިޝަނުގެ ރައީސްކަމަށް އައްޔަންކުރުމަށް ބޭނުންވާ ރުހުން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވީ އިއްޔެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު ބުނާގޮތުން ކޮމިޝަނުގެ ރައީސަކު އައްޔަންކުރެވޭނީ މެންބަރުންގެ ޖުމްލަ އަދަދު ހަމަވެ، މަޖިލީހުގެ ލަފާގެ މަތިންނެވެ.
މުޙައްމަދު ޝަކީލަކީ މީގެކުރިންވެސް އިލެކްޝަންސް ކޮމިޝަންގެ އެކި މަތީ މަޤާމުތައް ފުރުއްވާފައިވާ، ކޮމިޝަނުގެ މަސައްކަތްތަކުގެ ބޮޑު ތަޖުރިބާއެއް ހުރި ބޭފުޅެކެވެ. އެގޮތުން 2014 ޑިސެންބަރު 3 އިން ފެށިގެން 2018 މެއި 9 އާ ހަމައަށް އޭނާ ވަނީ އީސީގެ މެންބަރުކަން ކުރައްވާފައެވެ. އޭގެކުރިން 2013 سެޕްޓެންބަރު 1 އިން ފެށިގެން 2014 ޑިސެންބަރު 3 އާ ހަމައަށް އެ ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް ފުރުއްވިއެވެ.
އީސީގެ މެންބަރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން ޝަކީލް އެންމެ ފަހުން ހުންނެވީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) ގެ މަޤާމުގައެވެ.



