ބޭންކް އޮފް މޯލްޑިވްސްއިން ފީގެގޮތުގައި އާމްދަނީ ލިބޭ ވިޔަފާރީގެ މުޢާމަލާތްތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލުމަށްފަހު، މިގޮތަށް އިންވެސްޓްކުރުމަށް ވިއްކާ ޑޮލަރުން ވިޔަފާރިކޮށްގެން ލިބޭ އާމްދަނީ އިން ބޮޑު ފައިދާއެއް އިންވެސްޓްކުރާ ފަރާތްތަކަށް ދިނުމަށް ނިންމައިފިއެވެ.
ކޮންމެ ދުވަހަކަށް ހުޅުވާލެވޭ އެކި މިންވަރަށް ފައިދާލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގެތެރެއިން އެވަގުތަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ޕޫލްތަކުގެ މަޢުލޫމާތު ލިބިގަތުމާއިއެކު، އިންވެސްޓްކުރުމުގެ މުޢާމަލާތް އޮންލައިންކޮށް ފަސޭހަކަމާއިއެކު ފުރިހަމަކުރެވޭނެ ގޮތް ބޭންކްގެ މޯބައިލް އެޕް އަދި އިންޓަރނެޓް ބޭންކިންގ ތެރެއިން ވަނީ ތަޢާރަފުކޮށްފައެވެ.
މިގޮތުން ބީއެމްއެލް އިން ބުނީ އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ އިންވެސްޓްކުރާ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވާނެ ކަމަށާއި، އިންވެސްޓްމަންޓްގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެ ކަމަށެވެ.
އިންވެސްޓްމެންޓްތައް ހުޅުވާލެވިފައިވަނީ އެކި މިންވަރަށް ފައިދާލިބޭ ޕޫލްތަކުގެ ގޮތުގައިކަމަށް ވާއިރު، %25 އާއި ހަމަޔަށް ފައިދާލިބޭނެ ފުރުސަތު މިވަނީ ފަހިކޮށްދެވިފައެވެ.
މި ޚިދުމަތް ތައާރަފްކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ ރާއްޖެއިން ބޭރުން ޚިދުމަތް ހޯދުމަށާއި ތަކެތިގަތުމަށް ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުން ކުރާ މުޢާމަލާތްތަކަށް މަހެއްގެ މައްޗަށް ވިއްކޭ ޑޮލަރުގެ ޢަދަދު ފާއިތުވި 5 އަހަރުގެ ތެރޭގައި 3.7 ގުނަ އިތުރުވެ އެވްރެޖްކޮށް މަހަކަށް 39.3 މިލިއަން ޑޮލަރު ވިއްކަމުންދާ ކަމަށެވެ.
އަދި މި ޚިދުމަތް ލިބިގަންނަ ކަސްޓަމަރުންގެ ޢަދަދު 2 ގުނައަށްވުރެ ވެސް ބޮޑުވެފައިވާ ކަމަށާއި، ކޮންމެ މަހަކު 250،000 އާއި 300،000 އާ ދެމެދުގެ ޢަދަދަކަށް މީހުން ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ މުޢާމަލާތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މީގެ އެންމެ މުހިންމު ސަބަބަކީ ދިވެހިން ބޭރުގެ ގައުމުތަކުން އޮންލައިންކޮށް މުދާ ގަތުމުގެ މުއާމަލާތްތައް (ކްރޮސް-ބޯޑަރ އީ-ކޮމާސް) އިތުރުވެގެން ދިޔުން. މިއީ ރާއްޖެއިން ޑިޖިޓަލް އީޖާދުތައް ހަލުވިކަމާއެކު ބަލައިގަންނަމުންދާ ކަމުގެ ހެއްކެއް. ޑިޖިޓަލްކޮށް ފައިސާ ދެއްކުމުގެ ނިޒާމުތަކަށް އައި ކުރިއެރުންތަކާއި، ދުނިޔޭގެ އޮންލައިން ބާޒާރުތައް ފުޅާވުމުގެ އިތުރުން، މުވާސަލާތީ އަދި ލޮޖިސްޓިކްސް ނިޒާމަށް އައި ބޮޑެތި ކުރިއެރުން ތަކުގެ ސަބަބުން، ބޭރުގެ ގައުމުތަކުން ވިޔަފާރިކުރުން ވަނީ ކުރިއަށްވުރެ ބޮޑަށް ލުއިފަސޭހަވެ، އަގުތައް ވެސް ހެޔޮވެފައި. ދިވެހިން އަންނަނީ މިފަދަ ޓެކްނޮލޮޖީގެ ކުރިއެރުންތައް މެދުނުކެނޑި ބަލައިގަންނަމުންން. އަދި ބޭރުން މުދާ ގަތުމަށް ކުރަންޖެހޭ ހޭދަ ކުޑަވަމުން ދިއުމަކީ މި އާދަ އިތުރަށް ހަލުވިވެގެން ދިޔަ މުހިންމު ސަބަބެއް"، ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ކާޑުގެ ވިޔަފާރި އަކީ ބޭންކަށް ވަރަށް ބޮޑު ފައިދާއެއް ލިބޭ ވިޔަފާރިއެއް ކަމަށާއި، ކާޑުގެ މުޢާމަލާތްތައް އިތުރުވެގެން ދިޔުމަކީ ބޭންކުގެ ފައިދާ އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.
"އެހެން ނަމަވެސް މި މުޢާމަލާތްތަކަށް ބޭންކަށް ޑޮލަރު ވިއްކޭނީ ބޭންކަށް ޑޮލަރުން ލިބޭ އާމްދަނީ އިންނާއި ބޭންކަށް ޑޮލަރު ގަނެވޭ މިންވަރަކުން. ވޭތުވެދިޔަ 36 މަސް ދުވަހުގެ ތެރޭގައި ބޭންކުން މިވަނީ ގާތްގަޑަކަށް 1.6 ބިލިއަން ޑޮލަރު ޢާންމު ފަރުދުންގެ ބޭނުން ތަކަށާއި ކާޑުގެ މުޢާމަލާތްތަކަށް ވިއްކާފަ. މީގެ ތެރެއިން ގާތްގަޑަކަށް %60 ވިއްކިފައިވަނީ ކާޑުގެ މުޢާމަލާތްތަކަށް. މި އަދަދު މަހުން މަހަށް މިދަނީ އިތުރުވަމުން. އެހެންކަމުން ދެމެހެއްޓެނިވި ގޮތެއް ބޭންކުން މި އަދަދަށް ޑޮލަރު ވިއްކުމަކީ ކުރެވޭނެ ކަމެއްނޫން"، ޝަރީފް ވިދާޅުވިއެވެ.
މިއަދުގެ ހަފްލާގައި ވާހަކަދައްކަވަމުން ޝަރީފް އިތުރަށް ވިދާޅުވީ ބޮޑު ނިސްބަތެއްގެ ކަސްޓަމަރުން މިހާ ގިނައިން ބޭނުންކުރަމުން އަންނަ ޚިދުމަތަކަށް ދަތިވާގޮތަށް ނުވަތަ މެދުކެނޑޭގޮތަށް ފިޔަވަޅުތަކެއް އެޅުމަކީ ބޭންކުން ބޭނުންވާ ކަމެއް ނޫން ކަމަށާއި، ބޭނުންވަނީ ދެމެހެއްޓެނެވި ގޮތެއްގައި މި ޚިދުމަތް ދިނުމަށް ކަމަށެވެ.
"އެހެންކަމުން ވަރަށްވެސް މުހިންމު ބޭނުމަކަށް އަމާޒުކޮށް ޑޮލަރުން އިންވެސްޓްކުރާ ފަރާތްތަކަށާއި، ކާޑުގެ ޚިދުމަތް ބޭނުން ފަރާތްތަކަށާއި، އަދި ބޭންކަށްވެސް ފައިދާ ހުރި ނިޒާމެއް އަޅުގަނޑުމެން މި ގާއިމްކުރީ. ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން މިފަދަ ރަނގަޅުފައިދާއެއް ލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގައި އިންވެސްޓްކުރުމުން، އީކޮމާސް ރީޓެއިލް ސައިޓްތަކުން ކުރާ މުޢާމަލާތް ތަކާއި ފީނަގާ އެހެން ބައެއް މުޢާމަލާތްތަކުގައި އިންވެސްޓް ކުރުމަށްފަހު އެ މުޢާމަލާތްތަކުން ލިބޭ ފީ އެ މުޢާމަލާތް ހިންގުމުގެ ޚަރަދު ކެނޑުމަށްފަހު އިންވެސްޓް ކުރާ ފަރާތަށް މިދެނީ. މީގެ ސަބަބުން ބޭންކަށް ޑޮލަރުލިބި، އެ ޑޮލަރު ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ފޯރުކޮށްދެވޭނެ. މީގެ ތެރޭގައި ކާޑުޕޭމަންޓްތަކާއި، އީ-ކޮމާސް ވިޔަފާރިތަކާއި، މުދާ އިމްޕޯޓްކުރުން ހިމެނޭ. މީގެ ނަތީޖާއަކީދެމެހެއްޓެނިވި، ހުރިހާ ފަރާތްތަކަށްވެސް މަންފާ ލިބޭނެ، ނިޒާމެއް ގާއިމްވެގެން ދިއުން"، ޝަރީފް ވިދާޅުވިއެވެ.
މިއަދުގެ ހަފްލާގެ ބައިވެރިންނަށް އެފް.އެކްސް އިންވެސްޓްމަންޓް ޚިދުމަތް ބޭނުންކުރާނެ ގޮތުގެޑެމޯއެއް ވަނީ ދައްކާފައެވެ. އަދި އެއަށްފަހު، ޝަރީފް ވަނީ ހާޒިރުވެތިބި ފަރާތްތަކާއި މީޑިއާގެސުވާލުތަކަށް ޖަވާބުދެއްވައި، މި ޚިދުމަތުގެ މުހިންމުކަމާއި ބޭންކުގެ ބޭރު ފައިސާގެ ސްޓްރެޓެޖީއާ ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވާފައެވެ.



