މއ. ސުއްކަތުރާގޭގައި ރޯވި އަލިފާން

މއ. ސުއްކަތުރާގޭގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއެއްގައި ދުމުގެ އަސަރު ކޮށްގެން މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި، ސުއްކަތުރާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް އެ ބޭފުޅުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:20 އެހާކަށްހާއިރުއެވެ. މި ހާދިސާގައި އަލިފާން ރޯވާން މެދުވެރިވީ އެގޭގެ ބަދިގެއާއި ސިޓިންރޫމް ހިމެނޭ ބައިގައި ހުރި ކަބަޑު ސެޓެއްގެ ތިރީ ބައިގައެވެ.

ސުއްކަތުރާގޭގައި ރޯވި އަލިފާން ސިފައިންގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ މަސައްކަތުން މިހާރު ވަނީ އެއްކޮށް ނިއްވާލާފައެވެ. އަދި އަލިފާން ނިއްވާލުމަށްފަހު، އެ ސަރަހައްދުގައި މިހާރު ކުރިއަށްދަނީ ގޭގެ ތެރޭގައި ހިފާފައި ހުރި ބޯ ދުންތައް ބޭރުކުރުމުގެ މަސައްކަތް ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި ހާދިސާގައި ދުމުގެ އަސަރުކުރި މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އޭނާއަށް ލިބުނު އަނިޔާގެ އިތުރު ތަފްސީލެއް އަދި ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް