ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ މާސްޓަރ ޕްލޭން އެކުލަވާލުމަށްޓަކައި، ކޮންސަލްޓަންސީ ސަރވިސް ދޭނެ ފަރާތެއް ހޯދުމަށް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިޢުލާނުކޮށްފިއެވެ.
ރަސްމާލެ މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ އެންމެ ބޮޑު ތަޞައްވުރެވެ.
ބިނާރާ ބެހޭ ވުޒާރާއިން ހުޅުވާލާފައިވާ ކޮންސަލްޓަންސީ މަސައްކަތްތަކުގެ ތެރޭގައި ބޭސްލައިން ސްޓަޑީ ހެދުމާއި، އަރބަން ޑިވެލޮޕްމަންޓް ފްރޭމްވަރކް އެކުލަވާލުމުގެ އިތުރުން ބިން ބޭނުންކުރާނެގޮތުގެ ޕްލޭން އެކުލަވާލުން ހިމެނެއެވެ. މީގެ އިތުރުން، ހިއްކާ ބިން ހިމާޔަތްކޮށް ތަރައްޤީކުރުމުގެ މަސައްކަތްތައް ކަމާގުޅޭ އިދާރާތަކާ ގުޅިގެން ރާވާނެ ގޮތްތައް މި މާސްޓަރ ޕްލޭންގެ ދަށުން ތަރުތީބުކުރެވޭނެއެވެ.
މި ޕްލޭންގައި ތިމާވެއްޓާ ރަށްޓެހި މަސައްކަތްތަކާއި، ޔުޓިލިޓީ ޚިދުމަތްތަކާއި، ދަތުރުފަތުރުގެ ނިޒާމުގެ އިތުރުން ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ފަސޭހައިން އުޅެވޭނެ އެކްސިސިބިލިޓީއަށްވެސް ރިއާޔަތްކުރާނެއެވެ. މި މަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ ކުރިއަށް އޮތް ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ.
ރަސްމާލޭގެ ބޮޑު މަޝްރޫޢުގެ ދުރުރާސްތާ އަމާޒަކީ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި 200,000 ހައުސިން ޔުނިޓުގެ ބޯހިޔާވަހިކަމުގެ ފުރުޞަތު އެ ބިމުން ތަނަވަސްކޮށްދިނުމެވެ. މިއީ ރާއްޖޭގެ މޫސުމާއި ތިމާވެއްޓަށް ވަރަށް ބޮޑަށް ރިއާޔަތްކޮށްގެން ހިންގާ ތިމާވެއްޓާ ރައްޓެހި މަޝްރޫޢެކެވެ. އެގޮތުން ރަސްމާލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ނިންމާފައިވަނީ އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށްވާއިރު، ތިމާވެށީގެ އެކި މައްސަލަތަކުގެ ހިރާސްތައް ކުޑަވާނެހެން ހުރިހާ ވަސީލަތްތަކެއްވެސް ބިނާކުރާނެއެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 1010 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 500 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ވަނީ ކާމިޔާބުކަމާއެކު ހިއްކާ ނިންމާފައެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން މަސައްކަތަށް ކުޑަ މަޑުޖެހުމެއް އައި ނަމަވެސް، މިހާރު އަލުން މަސައްކަތް ފަށައިގަތުމަށް ދަނީ ތައްޔާރުވަމުންނެވެ.
"އެ މަސައްކަތް ދެން ކުރުމަށް ނިންމާފައިވަނީ 2 ޑްރެޖަރ ބޭނުންކޮށްގެންނަމަވެސް އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލުން،" ރައީސް ހާމަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު އިޢުލާނުކޮށްފައިވާ ގޯތިތައް ރައްޔިތުންނަށް ދިނުމަށް ކަނޑައަޅާފައިވަނީ ރަސްމާލޭގެ ބިން ހިއްކުމުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިމުމުންނެވެ.




