ކުންފުނިތައް ރައިޓް-ސައިޒް ކުރުމަކީ އަޚުލާޤީ ވަކި ހަމަތަކެއް ހިފެހެއްޓުމަށް ކުރެވޭ މަސައްކަތެއް: ރައީސް

ކުންފުނިތައް ރައިޓް-ސައިޒް ކުރުމަކީ އަޚުލާޤީ ވަކި ހަމަތަކެއް ހިފެހެއްޓުމަށް ކުރެވޭ މަސައްކަތެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިގޮތުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުންފުނިތައް "ރައިޓް-ސައިޒް" ކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ކުންފުނިތަކުގެ ޚަރަދު ކުޑަކޮށް، އަޚުލާޤީ ގޮތުން ވަކި ހަމަތަކެއް ހިފެހެއްޓުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި މިއީ ސިޔާސީ ނުފޫޒުން ބަޔަކު ވަޒީފާއިން ވަކިކުރުން ކަމަށް ބުނާނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އިޤްތިޞާދު ހަރުދަނާކުރުމަށާއި މަސައްކަތުގެ އަޚުލާގު ކުރިއެރުވުމަށްޓަކައި، ސަރުކާރު ހިއްސާވާ ކުންފުނިތައް އެންމެ ރަނގަޅު މިންގަނޑަކަށް ބަދަލުކުރުމާއި ޕޭ ހާމަނައިޒްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ޕޭ ހާމަނައިޒްކުރުމާއި ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޕޭ ހާމަނައިޒްކުރުމުގެ އެންމެ މުހިންމު މަޤްޞަދަކީ މުވައްޒަފުން ގެއަށް ގެންދަން ލިބޭ އާމްދަނީ އިތުރުކުރުމާއި، މަސައްކަތުގެ އަޚްލާގު ހަރުދަނާކުރުން ކަމަށެވެ. މީގެ އިތުރުން މިއީ ޤައުމުގެ އިޤްތިޞާދު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޕޭ ހާމަނައިޒޭޝަންގެ ކަންކަން ތަންފީޒު ކުރަމުންދާއިރު، ވަކިވަކީން ރިޢާޔަތްކުރަންޖެހޭ ޚާއްޞަ ހާލަތްތައް ހުރިކަމަށާއި، އެކަންކަން ބަލައިގެން ކުރިއަށް ގެންދިއުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނެ ކަމަށެވެ.

ދިވެހިރާއްޖެއިން ބޭރުގެ ޤައުމުތަކަށް ދައްކަންޖެހޭ ދަރަނި ދައްކާ ޚަލާސްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިއީ ސީދާ ރައްޔިތުންނާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ މަސްރަޙު ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މަސައްކަތް ސަރުކާރުން ސާބިތުކަމާއެކު ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް