ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓްތަކެއް

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭ މީހުން ކަނޑައަޅައި، މި އަހަރުގެ ތެރޭގައި އެކަން އަންގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ވަޢުދު ކަމަށެވެ.

މި މަސައްކަތަކީ އެތައް ހާސް ރައްޔިތުންނެއްގެ ދިރިއުޅުމާ ގުޅިފައިވާ ހައްސާސް ކަމަކަށް ވާތީ، އެއްވެސް ކަހަލަ ނުފޫޒެއް މިކަމުގެ ތެރެއަށް ވަނަނުދީ ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. ކުރީގައި ކަންކަން ހިނގާފައި އޮތް ގޮތާ ޚިލާފަށް، މިހާރު އެއްވެސް ވަޒީރަކަށް ނުވަތަ މަޖިލިސް މެންބަރަކަށްވެސް ފްލެޓް ދިނުމުގައި ނުފޫޒު ނުފޯރުވޭނެ ކަމަށާއި، މަސައްކަތް ކުރަނީ ފުރިހަމަ އިންޓެގްރިޓީއާ އެކު ކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މިސަރުކާރުންދޭ އެއްވެސް ބޯހިޔާވަހިކަމަކީ ވަކި މީހެއްގެ މީހަކަށް ވީތީވެ ލިބޭ އެއްޗަކަށް ނުވާނެ. އެ ޔަގީންކަން އަޅުގަނޑު ދެން. މިސަރުކާރުންދޭ ގޯއްޗެއް ވިޔަސް ފްލެޓެއް ވިޔަސް ދޭނީ އެމީހާއަށް ހައްގުވީމަ އެމީހާގެ ހައްގު އަދާކުރުމުގެ ގޮތުން،" ރައީސް ވިދާޅުވިއެވެ.

ފްލެޓަށް ކުރިމަތިލާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ތަފްސީލްތައް ރަނގަޅަށް ވެރިފައިކޮށް، ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޕޮއިންޓް ހަމަވާ ތަރުތީބުން ފްލެޓް ލިބޭނެއެވެ. އަދި މި އަހަރުގެ ތެރޭގައި ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު ނެރެ، ކޮންމެ މީހަކަށް ލިބެނީ ކޮން މަޝްރޫޢެއްގެ ދަށުން ކޮން ފްލެޓެއްކަން އެނގޭނެހެން ތަފްސީލުތައް ހާމަކުރައްވާނެއެވެ.

މާލޭ ސަރަހައްދުގައި އެޅޭ ފްލެޓްތަކުގެ މަސައްކަތްތަކާއި ގޯތި ދިނުމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ރައީސް ބޮޑެތި ތާސީލުތަކެއް ހާމަކުރެއްވިއެވެ.

  • ފްލެޓްތަކުގެ ފައުންޑޭޝަން: ޖުލައި މަހުގެ ތެރޭގައި ގިނަ އިމާރާތްތަކުގެ ކޮންކްރީޓް ފައުންޑޭޝަންގެ މަސައްކަތް ފެށިގެންދާނެއެވެ.

  • މަޝްރޫޢުތައް ނިމޭނެ ތާރީޚު: 2028 ވަނަ އަހަރުގެ މޭ، ޖޫން ނުވަތަ ޖުލައި ހިސާބުގައި މާލޭ ސަރަހައްދުގައި އެޅޭ ހުރިހާ ފްލެޓެއް ނިމޭނެއެވެ.

 ތެލުގެ އަގު ބޮޑުވުމާ ގުޅިގެން މަސައްކަތަށް ކުޑަ މަޑުޖެހުމެއް އައި ނަމަވެސް، މިހާރު މަސައްކަތް އަލުން ފަށައިގެން ކުރިއަށްދެއެވެ. އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އެ މަސައްކަތްތައް ނިންމާލުމެވެ.

ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް ހުޅުވައިލި ތިން ސްކީމަކަށް މުއްދަތު ހަމަވިއިރު ޖުމްލަ 58,505 ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ސްކީމްތަކަށް އެޕްލިކޭޝަން ލިބިފައިވާ ގޮތުގެ ތަފްސީލު ތިރީގައިވާ ތާވަލުން ބައްލަވާލެއްވޭނެއެވެ:

ސްކީމްގެ ނަން ފްލެޓަށް އެދި ހުށަހެޅި ފޯމު ބިމަށް/ގޯއްޗަށް އެދި ހުށަހަޅި ފޯމު ޖުމްލަ ފޯމު
އާއިލީ ބޯހިޔާވަހިކަން 35,818 9,826 45,644
ގޯތިގެދޮރު ސްކީމް 112 12,749 12,861

ހައުސިން މިނިސްޓްރީން ހާމަކުރި ތިންވަނަ ސްކީމް ހިމެނޭހެން މުޅި ޖުމްލަ އެޕްލިކޭޝަންގެ އަދަދަކީ 58,505 އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް