މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ އިސްކަންދޭނީ މައި މަގުތައް ހެދުމަށް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މަގުތައް ތަރައްޤީ ކުރުމަށް ބޭނުންވާ ސާވޭތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާއާއެކު ކުރެއްވި ޒިޔާރަތެއްގައި މީޑިއާއަށް މަޢުލޫމާތު ދެއްވަމުންނެވެ.
ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ޗައިނާ ސަރުކާރުގެ އެހީތެރިކަމަށް އެދުނު އެންމެ ބޮޑު ސަބަބަކީ، މާލޭގެ ތޮއްޖެހުމާއި، ފެންބޮޑުވުމުގެ މައްސަލައިގެ އިތުރުން ޓްރެފިކް މައްސަލަތަކަށް ދާއިމީ ޙައްލެއް އާދެވޭނީ އެ ދާއިރާގެ ފަންނީ ތަޖުރިބާއާއި ޤާބިލުކަން އެންމެ ފުރިހަމައަށް ހުރި ފަރާތެއްގެ ބައިވެރިވުން ލިބިގެން ކަމަށްވާތީއެވެ.
މިއީ ދައުލަތުގެ ބަޖެޓުން ސީދާ ޚަރަދުކޮށްގެން ކުރިއަށްގެންދަން ކުރިން ނިންމާފައި އޮތް ބޮޑު ހޭދައެއް ހިނގާނެ މަޝްރޫޢެއް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މިހާރު ވަނީ މި މަޝްރޫޢަށް ޗައިނާ ސަރުކާރުގެ ފަރާތުން ހިލޭ އެހީ ހަމަޖައްސަވައިދެއްވާފައެވެ.
މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ޢަމަލީ މަސައްކަތް ފެށުމަށް ކަނޑައަޅާފައިވަނީ މާލޭގެ މަޖީދީމަގުގެ އިތުރުން ކަނބާއަސާރާނީ ހިނގުމާއި، ވިލިމާލޭގައި އަލަށް ތަރައްޤީ ކުރާ ހޮސްޕިޓަލަށް ދާން ބޭނުންވާ މަގުތައް ހެދުމަށެވެ. މީގެ އިތުރުން، އައިޖީއެމްއެޗު ކުރިމަތީ މަގާއި ޝަހީދުޢަލީ ހިނގުން ހިމެނޭހެން، ފެންބޮޑުވުމުގެ ގޮންޖެހުން އެންމެ ބޮޑަށް ކުރިމަތިވާ ސަރަހައްދުތައް ކޮންސްޓްރަކްޝަން މަރުހަލާގެ ތެރޭގައި ހިމަނައިގެން ކުރިއަށް ގެންދާނެއެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ މިދާ މަސައްކަތް ނިމި މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު އެންމެ މުހިންމު މަޖީދީމަގާއި، ކަނބާއަސާރާނީ ހިނގުމާއި، ވިލިމާލޭ ހޮސްޕިޓަލަށް ދާ މަގުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެ. އެއާއި އެއްކޮން މާލޭގެ ހުރިހާ މަގެއްވެސް ރަނގަޅު ފެންވަރަކަށް ހެދުމަށް ސާރވޭގެ މަގުތައް ފެށިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުޙަލާގެ ދަށުން މާލެއާއި ވިލިމާލޭގެ ހުރިހާ މަގުތަކެއް ހިމެނޭހެން ތަފްސީލީ 'ޑީޓެއިލް ޑިޒައިން' އެކުލަވައިލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ފެންބޮޑުވުމުގެ މައްސަލައާއި މަގުތަކާ ގުޅުންހުރި އެހެނިހެން ދަތިތަކަށް ފުރިހަމަ ހައްލެއް ހޯދުމެވެ.
ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާ ވިދާޅުވި ގޮތުގައި، މި މަޝްރޫޢަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙުމަތްތެރި ގުޅުމުގެ ރަމްޒެކެވެ. ފާއިތުވި މުއްދަތުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވަމުން ސަފީރު ވިދާޅުވީ، ދެން އޮތީ ޑީޓެއިލް ޑިޒައިން ފައިނަލްކޮށް އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައްވުން ކަމަށެވެ. އަދި ކުރަން ހުރި މަސައްކަތްތަކަކީ ގޮންޖެހުންތައް ބޮޑު (ޗެލެންޖިން) މަސައްކަތްތަކެއް ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މަސައްކަތަށް ވަގުތު ނެގި ކަމުގައިވީ ނަމަވެސް، މާލޭގެ މަގުތަކުގެ މައްސަލައަށް އަވަސްއަރުވާލައިގެން ވަގުތީ ހައްލެއް ހޯދުމުގެ ބަދަލުގައި، ދާއިމީ އަދި ފުރިހަމަ ޙައްލެއް ރައްޔިތުންނަށް ހޯދައިދިނުމެވެ.



