ޕެސިފިކް ކަނޑުގެ ސަރަޙައްދުގައި އެލްނީނޯ އުފެދިފައިވުމާއެކު، ރާއްޖޭގެ މޫސުމަށް އެކަމުގެ ސަބަބުން ކުރަމުންދާ އަސަރުތައް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަޙައްދުތަކުގެ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މިހާރު ހުރީ އާންމު މިންގަނޑަށްވުރެ މަތީގައެވެ.
އެލްނީނޯ އަކީ ކޮބާ؟
އެލްނީނޯއަކީ ކަނޑުގެ ސަތަހައިގެ ހޫނުމިން އާދަޔާ ޚިލާފަށް މަތިވުމުގެ ސަބަބުން ކުރިމަތިވާ ޤުދުރަތީ މޫސުމީ ހާލަތެކެވެ. މީގެ ސަބަބުން، ޕެސިފިކް ކަނޑުގެ އިރުމައްޗާއި މެދުތެރޭގެ ސަތަހައިގެ ހޫނުމިން މަތިވެ، ދުނިޔޭގެ ވައިގެ ދައުރުވުމާއި، ޕްރެޝަރާއި، އަދި ވާރޭވެހޭ ގޮތަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ.
މި ބަދަލަކީ ވަކި ތަރުތީބަކުން ނޫނަސް، ކޮންމެ ދެ އަހަރާއި ހަތް އަހަރަކުން އެއް ފަހަރު އަންނަ ބަދަލެކެވެ. އާންމު ގޮތެއްގައި އެލްނީނޯގެ އަސަރުތައް 9 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދެއެވެ. ނަމަވެސް، ބައެއް ފަހަރު އަހަރުތަކަކަށްވެސް މި ހާލަތު ދެމިގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ސަބަބުން ދުނިޔޭގެ މޫސުމަށާއި، ދިރޭތަކެތީގެ ނިޒާމަށާއި، އަދި އިޤުތިޞާދަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ.
އެލްނީނޯގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތަކަށް ބަލާއިރު، ބައެއް މަސްމަހު އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ ގިނައިން ވާރޭވެހޭއިރު، އަނެއްބައި މަސްމަހު ވާރޭވެހޭ މިންވަރު އާދަޔާ ހިލާފަށް މަދުވާކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
"ކޮންމެ އެލްނީނޯ އަހަރެއްގައިވެސް މޫސުމަށް ކުރާ އަސަރުތައް އެއްގޮތް ނުވެދާނެ. އެލްނީނޯގެ ބާރުމިނާއި އެކަން ދިމާވާ ދަނޑިވަޅުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭވެހޭ މިންވަރަށް ކުރާ އަސަރު ތަފާތުވުމަކީ އެކަށީގެންވާ ކަމެއް،" މެޓް އޮފީހުގެ ބަޔާނުގައިވެއެވެ.
ވާރޭވެހުމަށް ނުފޫޒުފޯރުވާ އެހެނިހެން މޫސުމީ ބަދަލުތައް
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭވެހޭ މިންވަރަށް ނުފޫޒު ފޯރަނީ ހަމައެކަނި އެލްނީނޯއިން އެކަނި ނޫންކަން މެޓް އޮފީހުން ފާހަގަކުރެއެވެ. ރާއްޖޭގެ މޫސުމަށް ބަދަލުތައް ގެނައުމުގައި މުހިންމު ދައުރެއް އަދާކުރާ އެހެނިހެން މޫސުމީ ނިޒާމުތަކުގެ ތެރޭގައި ހިމެނެނީ:
-
އިންޑިއަން އޯޝަން ޑައިޕޯލް: އިންޑިއާ ކަނޑުގެ ސަތަހައިގެ ހޫނުމިނަށް އަންނަ ބަދަލުތައް.
-
މެޑަން ޖޫލިއަން އޮސިލޭޝަން: ޓްރޮޕިކަލް ސަރަހައްދުތަކުގެ ވައިގެ ބާރާއި ވާރޭވެހުމަށް ނުފޫޒުފޯރުވާ ބޮޑު ދައުރުވުމެއް.
މި ހުރިހާ މޫސުމީ ބަދަލުތަކެއް އެކުވެގެން ރާއްޖޭގެ މޫސުމަށް ކުރާނެ އަސަރުތައް ދެނެގަތުމުގެ މަސައްކަތް މެޓް އޮފީހުން ދަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.



