ސަރުކާރުން ކުރިއަށްގެންދާ ބައެއް ތަރައްޤީގެ މަޝްރޫޢުތައް އެންމެ ބޭނުންވާ ބާރުމިނުގައި ކުރިއަށް ނުދިޔަ ނަމަވެސް، އެއީ އެ މަސައްކަތްތައް ހުއްޓާލުން ނޫން ކަމަށާއި، ހުރިހާ މަޝްރޫޢުތަކެއް ވެސް ތާވަލާ އެއްގޮތަށް ނިންމަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ، ރ. އަލިފުށީ ސިއްހީ މަރުކަޒުގެ މަސައްކަތް ލަސްވާތީ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސިއްޙީ ދާއިރާއަކީ މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރާ އެއް ދާއިރާ ކަމަށެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގެ ތެރެއިންނާއި 'ނިއު ޕޮލިސީ އިނިޝިއޭޓިވް' ގެ ދަށުން އެންމެ ގިނަ އާ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ކަނޑައަޅާފައިވަނީވެސް ސިއްޙީ ދާއިރާއަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރާ ހަވާލުވީއިރު ރާއްޖޭގެ ސިއްޙީ ދާއިރާ އޮތީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށާއި، ނަމަވެސް މިހާރު އެކުލަވާލާފައިވާ "ވަށާޖެހޭ ސިއްޙީ ސިޔާސަތު"ގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ޚާއްސަކޮށް ރ. އަލިފުށީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަލިފުށްޓަކީ ސަރަޙައްދީ ތަރައްޤީގެ ސިޔާސަތުގެ ދަށުން ވަރަށް މުހިންމު (ސްޓްރެޓީޖިކް) މަންޒިލެއް ކަމަށެވެ. އެގޮތުން އެ ރަށުގެ ހޮސްޕިޓަލާއި އެއާޕޯޓް މަޝްރޫޢަކީ ސަރުކާރުން ނުހަނު އިސްކަންދޭ ދެ މަޝްރޫޢު ކަމަށާއި، މި ދެ މަޝްރޫޢުވެސް މި ދައުރުގެ ތެރޭގައި ނިންމައި ހުޅުވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
މަޝްރޫޢުތަކުގެ ސްޕީޑާ ގުޅޭގޮތުން ރައީސް އިތުރަށް ވިދާޅުވީ، އެމްޓީސީސީ އަށް ބޭނުންވާ ތަކެތި ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަން މިހާރު ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށެވެ. އެހެންކަމުން، މާލަސްތަކެއް ނުވެ އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ހޯދައި، އަމަލީ މަސައްކަތްތައް ބާރުމިނުގައި ފެށިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދެން ތި ވިދާޅުވި ފަދައިން ބައެއް މަޝްރޫއުތައް ކުރިއަށްދިއުމުގައި އަޅުގަނޑުމެން އެންމެ އެދޭ ސްޕީޑުގައި ކުރިއަށް ނުގޮސްފައިވޭ. އެކަމަކު އެއީ އެއްގޮތަކަށް ވެސް އަޅުގަނޑުމެން އެ މަސައްކަތް ނުކުރުމަކަށް ނޫން،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގެ މަޝްރޫޢުތައް ނިންމާނެ ވަކި ތާވަލެއް މިހާރު އެކުލަވާލާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. މި ތާވަލުގެ ދަށުން އަންނަ އަހަރުގެ މެދުތެރެއިން ފެށިގެން އެކި މުއްދަތުތަކަށް ބަހާލައިގެން މަސައްކަތްތައް ނިންމަމުންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚާއްޞަކޮށް 50 އެނދުގެ ބޮޑެތި ހޮސްޕިޓަލްތަކުގެ މަޝްރޫޢުތައް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ނިންމުމަށް ކަނޑައަޅާފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި ތާވަލުގެ ތަފްސީލުތައް ނޫސްވެރިންނާ ހިއްސާކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރަށްރަށުގެ މިފަދަ މަޝްރޫއުތައް ކުރިއަށްދާ މިންވަރު ލަސްވުމުގެ ޝަކުވާ އާންމު ގިނަ ރައްޔިތުންނާއި، އެކި ދާއިރާތަކަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުންވެސް އަންނަނީ ކުރަމުންނެވެ. ނަމަވެސް ރައީސްގެ މި ޔަޤީންކަމާއެކު، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބި، މަސައްކަތްތައް އަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ.



