ޢަލީ އިހުސާން

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ޓާގެޓްކޮށްގެން ފުލުހުންގެ މަސައްކަތްތައް އިތުރު ގިޔަރަކަށް ބަދަލުކޮށް، ފުރިހަމަ ނަތީޖާ ނެރޭނެ އަހަރަކަށް ކުރިއަށް މިއޮތް އަހަރު ވެގެންދާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިހުސާން ވަނީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ކުރުމަށް ރާވާފައިވާ ބައެއް މުހިންމު ކަންތައްތަކަށް އަލިއަޅުއްވާލައްވާފައެވެ:

  • ގޭންގުތަކުން ކުދިން ދުރުކުރުން: ގޭންގު ހަދައިގެން ރަށުތެރޭގެ އަމާންކަން ނަގާލަން މަސައްކަތް ކުރާ ކުދިން އެ މާހައުލުން ދުރުކޮށް، މުޖުތަމައުގައި އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ފުރުސަތު ހޯދައިދިނުން.

  • ގަވާއިދާ ހިލާފު ބިދޭސީން ޑީޕޯޓުކުރުން: ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންނާއި، މައުލޫމާތު ނުދީ ފިލައިގެން އުޅޭ ދެހާހެއްހައި ބިދޭސީން ހޯދައި ރާއްޖެއިން ޑީޕޯޓުކުރުމުގެ ހާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުން.

  • ފުލުހުންގެ ވިޒިބިލިޓީ އިތުރުކުރުން: ޒަމާނީ ޓެކްނޮލޮޖީއާއެކު، މަގުމަތިން ފެންނަ ފުލުހުންގެ އޮފިސަރުންގެ އަދަދު މިހާރަށްވުރެ ގިނަކޮށް، ރަށުތެރެ ބެލެހެއްޓުން ހަރުދަނާކުރުން.

ފުލުހުންގެ ޚިދުމަތް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ގޮތުން ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައި ހުރި 911 އިމަޖެންސީ ރެސްޕޯންސް ސެންޓަރަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ.

އެގޮތުން ނެކްސްޓް ޖެނެރޭޝަން ކޯލް ހޭންޑްލިންގ އިކުއިޕްމަންޓް ހަރުކުރެވި، އެހީއަށް އެދި ގުޅާ ފަރާތްތަކުގެ ލޮކޭޝަން ވަގުތުން ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރެވޭނެއެވެ. އަދި ގުޅާ ފަރާތް ހުރި ހިސާބެއްގައި ހަރުކުރެވިފައިވާ ފުލުހުންގެ ކެމެރާ ފީޑްތައް ވަގުތުން ސިސްޓަމުން ފެންނާނެ ގޮތަށް އަޕްގްރޭޑް ކުރެވޭނެއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް އަހަރުގެ ތެރޭގައި "ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑަރ" ގެ ޚިދުމަތް ވެސް މުޅިން އަލަށް ތައާރަފްކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ހިފެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ.

"މި އިތުބާރު ދެމިއޮންނާނީ ފުލުހުންގެ އިންޓެގްރިޓީއާއި ހަމަހަމަކަމާއި ޒިންމާދާރުކަމާއި ޕްރޮފެޝަނަލިޒަމް އަދި ރައްޔިތުންނަށް ދެއްވާ އިހުތިރާމުން. ރައްޔިތަކާ ކުރެވޭ ޕޮޒިޓިވް ކޮންމެ މުއާމަލާތަކުން އެ އިތުބާރު އިތުރުވޭ. އިންސާނިއްޔަތުކަމާއެކު ދިއްކޮށްލާ ކޮންމެ އަތަކުން އެ އިތުބާރު އިތުރުވޭ. އަދި އިންސާފުވެރި ކޮންމެ ނިންމުމަކުން އަދި ޕްރޮފެޝަނަލް ކޮންމެ ރެސްޕޯންސަކުން އެ އިތުބާރު ވަރުގަދަވޭ،" ވަޒީރު ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ވަޒީރު ޢަލީ އިޙްސާން ވަނީ، ހުރިހާ ފުލުހުންވެސް މި ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް އޮތް ތަނުގައި މަސައްކަތްތައް ބައްޓަންކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް