ސަޢޫދީގެ އަރަމްކޯގެ ހެލިކޮޕްޓަރެއް ވެއްޓުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ސަޢޫދީ ޢަރަބިއްޔާގެ އަރަމްކޯގެ ހެލިކޮޕްޓަރެއް ވެއްޓުމުގެ ހިތާމަވެރި ހާދިސާއާއި ގުޅިގެން އެޤައުމުގެ ވަލީޢަހުދު އަދި ބޮޑުވަޒީރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސްގެ މެސެޖުގައި، އެތައް ބައެއްގެ ފުރާނަ ގެއްލުނު މި ހިތާމަވެރި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ދިވެހި ސަރުކާރާއި، ރައްޔިތުންނާ އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ސަޢޫދީގެ ވަލީޢަހުދު އަދި ބޮޑުވަޒީރަށާއި، ސަރުކާރަށާއި އަޚުވަންތަ ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވާފައިވެއެވެ. އަދި މި އުނދަގޫ ދަނޑިވަޅުގައި ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ތަޢުޒިޔާގެ މެސެޖު ނިންމަވާލައްވަމުން ރައީސް ވަނީ، މި ހާދިސާގައި ފުރާނަގެއްލުނު މީހުންގެ އާއިލާތަކުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، އެޢާއިލާތަކަށް މިކަމުން އަރައިގަތުމުގެ ހިތްވަރާއި ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް