ތަހުގީގުތައް އަވަހަށް ނިންމުމަށް އޭސީސީގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު އިސްލާހުކޮށްފި

ކޮރަޕްޝަންގެ މައްސަލަތައް ތަޙުގީގު ކުރުމުގެ ނިޒާމު ހަރުދަނާކޮށް، ނަތީޖާ ނެރެވޭނެ އަވަސް އުސޫލުތަކެއް ޤާއިމުކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދަށް މިއަދު ބޮޑެތި އިސްލާހުތަކެއް ގެނެސްފިއެވެ. އޭސީސީން ބުނި ގޮތުގައި މި ބަދަލުގެ މައިގަނޑު ބޭނުމަކީ ތަހުގީގުތައް ލަސްވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ.

މި އިސްލާހާ އެކު، އޭސީސީއަށް ހުށަހަޅާ ކޮންމެ މައްސަލައެއްގެ ތަހުގީގު ފެށުމުގެ ކުރިން، އެ މައްސަލައެއްގެ ކަންކަމަށް ރިޢާޔަތްކޮށް 'އެސެސްމަންޓެއް' ހެދުން މިހާރު ވަނީ ލާޒިމުކޮށްފައެވެ. މި އެސެސްމަންޓް ހެދުމުގައި މައިގަނޑު 10 މިންގަނޑަކަށް ބަލަންޖެހެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މުޖުތަމަޢުގެ މަސްލަޙަތު

  • ދައުލަތަށް ނުވަތަ މުއައްސަސާއަށް ލިބުނު މާލީ ގެއްލުން

  • ހެކި ނައްތާލުމުގެ އިހުތިމާލު އޮތް މިންވަރު

  • މައްސަލައަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް މިންވަރު

މި މިންގަނޑުތަކަށް ބެލުމަށްފަހު މައްސަލަތައް ވަކި ކެޓަގަރީތަކަކަށް ބަހާލައި، އެ ކެޓަގަރީތަކާ އެއްގޮތަށް މައްސަލަތައް ނިންމުމަށް ވަކި ސުންގަޑިތަކެއް  ކަނޑައެޅުން މިހާރު މަޖުބޫރުވާނެއެވެ. ކަނޑައެޅިފައިވާ މުއްދަތަށް މައްސަލަ ނުނިންމޭ ހާލަތްތަކުގައި، މުއްދަތު އިތުރުކުރެވޭނީ ހާއްސަ އުސޫލެއްގެ ދަށުން އެކަން މުރާޖާކުރުމަށްފަހުގައެވެ.

އޭސީސީގެ ތަހުގީގުކުރުމުގެ އިޖުރާއަތުގެ ގަވާއިދަށް ޖުމްލަ ނުވަ އިސްލާހެއް މިއަދު ވަނީ ގެނެސްފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ ގަވާއިދުގެ 16 ވަނަ ބާބުގެ ގޮތުގައި އިތުރުކުރި އައު ބާބެވެ.

އައު ބާބު: "ކޮމިޝަނުގެ މައްޗަށް އަންގާ އެންގުންތަކަށް އަމަލުކުރުން" - މި ބާބުގެ ދަށުން، ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ވަކި މައްސަލައެއް ބަލައި ތަހުގީގުކުރުމަށް އޭސީސީއަށް އަންގައިފިނަމަ، އެކަމުގައި އަމަލުކުރާނެ ހާއްސަ އިޖުރާއަތުތައް ވަނީ ވަރަށް ތަފްސީލުކޮށް ކަނޑައަޅާފައެވެ.

ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް އޭސީސީއަށް ހުށަހެޅުނު ނަމަވެސް، އެ މައްސަލަތަކުގެ ތަހުގީގުތައް ނުނިމި ގިނަ ދުވަސްތަކަކަށް ދެމިގެންދާތީ އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަބަދުވެސް އެ ކޮމިޝަނަށް އަމާޒުވެއެވެ. ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އައުމުގެ ކުރިން އޭސީސީ މިނިވަންކުރުމަށާއި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ބަލާނެ ކަމަށް ވައުދުވީ ނަމަވެސް، މިހާތަނަށް އެކަން އޭގެ އެންމެ އެދެވޭ ގޮތަށް ހިނގާފައެއް ނުވެއެވެ.

އޭސީސީން އުންމީދުކުރާ ގޮތުގައި، ކޮމިޝަނުގެ އައު ސްޓްރެޓެޖިކް ޕްލޭނުގެ ދަށުން މިއަދު މި ގެނައި ބަދަލާއެކު، ތަހުގީގީ އޮނިގަނޑު އިތުރަށް ހަރުدަނާވެ، ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ޢަމަލުކުރާ އިޖުރާއަތުތައް މިހާރަށްވުރެ ހަލުވިވެގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް