މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓި، އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓިގެން އޮޔާދާ ކަމުގެ މައުލޫމާތު، މިރޭ (27 ޖޫން 2026) ގެ 23:10 އެހައިކަންހާއިރު އެ ކުންފުނިން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
"މި ކޮންޓޭނަރުތައް އޮޔާދާނެ ކަމަށް ލަފާކުރެވެނީ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުން،" ފުލުހުން ބުނެފައިވެއެވެ.
އެހެންކަމުން، މާލޭ ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން، ހާއްސަކޮށް ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން، ފަރުވާތެރިކަމާއެކު ދަތުރުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.



