މައްޗަންގޮޅި ސަހަރާ ކައިރިއަށް ގޮދަޑިއެއް އެއްލާލި މީހަކު ހޯދަނީ

މާލޭގެ އިސްކަންދަރު މަގު، މައްޗަންގޮޅި ސަހަރާ ކައިރިއަށް ގޮދަޑިއެއް ނެރެ ބަހައްޓާފައިވާތީ، އެ އަމަލު ހިންގި ފަރާތް ހޯދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މއ. ސަހަރާ ކައިރި މަގުމައްޗަށް މި ގޮދަޑި ނެރުނު ފަރާތެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މާލޭގެ މަގުތަކަކީ އެންމެންނަށް އަމާން އަދި ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި، މަގުމައްޗަށް ކުނި އެޅުން ހުއްޓުވުމަށް ކައުންސިލުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އެގޮތުން، މަގުތަކަށް ކުނި އަޅާ ފަރާތްތައް ފާހަގަކުރެވޭނަމަ، އެކަމުގެ ފޮޓޯ ނުވަތަ ވީޑިއޯ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުވުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން، ކައުންސިލްގެ ހޮޓްލައިން 1622 އަށް ގުޅައިގެންވެސް މިފަދަ މައްސަލަތައް ރިޕޯޓް ކުރެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

މާލެ ސިޓީ ކައުންސިލުން އިތުރަށް ބުނެފައިވަނީ، މާލެ ސިޓީ ސާފުކޮށް ބޭއްވުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

މާލޭގެ މަގުތަކަށް ބޮޑެތި ކުނި ނެރުމުގެ މައްސަލައަކީ ދޭތެރެ ދޭތެރެއިން ކުރިމަތިވާ ގޮންޖެހުމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް