ޤައުމީ އެންޓި-ޓޮބޭކޯ ކެމްޕެއިންގެ ލޯގޯ އިފްތިތާޙުކޮށްފި

ދުންފަތާ ދެކޮޅަށް ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ ކެމްޕޭނުގެ ރަސްމީ ލޯގޯ އިފްތާޙުކޮށްފިއެވެ.

މި ލޯގޯ އިފްތިތާޙުކޮށްފައިވަނީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް (ވޯލްޑް ނޯ ޓޮބޭކޯ ޑޭ) ފާހަގަކުރުމުގެ ގޮތުން މ. މުލަކުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. މި ޖަލްސާގައި މި ލޯގޯ އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.

މިއަދު މުލަކުގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މެޑަމް ސާޖިދާ އެ ރަށަށް ވަޑައިގަތުމުން، ރަށުގެ ރައްޔިތުންގެ ފަރާތުން އެކަމަނާއަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މި ކެމްޕޭނަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކުރިމަތިވާ ސިއްހީ ނުރައްކާތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ބާރުއެޅުމުގެ މަގުސަދުގައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވަނީ ދުންފަތުގެ ނުރައްކާތެރި ވަބާއިން ޤައުމު ސަލާމަތްކުރުމަށްޓަކައި ކެފޭތަކާއި، ރެސްޓޯރެންޓުތައް ހިންގާ ފަރާތްތަކުން އިސްދައުރެއް އަދާކުރުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން، ދުންފަތުން ދިވެހި މުޖުތަމަޢު ސަލާމަތް ކުރުމުގައި ވިޔަފާރިވެރިން އިސްނަގައިގެން މަސައްކަތް ކުރުމުގެ މުހިންމުކަންވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މެޑަމް ސާޖިދާގެ އަރިހުގައި ހެލްތު މިނިސްޓަރު ގީލާ ޢަލީ އަދި ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް