މާލޭގެ މަޖީދީމަގުގައި ހުރި އިމާރާތެއްގެ ފުރަތަމަ ބުރިން މިއަދު މެންދުރު ދެ މީހަކު ވެއްޓި ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ. ފުލުހުންގެ އިދާރާއިން ހާމަކުރި ގޮތުގައި މަޖީދީމަގުގައި ހުންނަ އިމާރާތަކުން ދެ މީހަކު ވެއްޓިގެން އުޅޭ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.
މި ހާދިސާގައި ކުއްލި އަނިޔާތަކެއް ލިބިފައިވަނީ ރާއްޖޭގައި މަސައްކަތްކުރާ ދެ ބިދޭސީއަކަށެވެ. ފުލުހުން ބުނިގޮތުގައި އެއީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކާއި، އުމުރުން 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
ހާދިސާ ހިނގި ސަރަހައްދުން އެ ދެ މީހުން ވަގުތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސް، މިހާރު ދަނީ ކުއްލި ފަރުވާ ދޭ ކޮޓަރީގައި ފަރުވާ ދެމުންނެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ކަށަވަރުކޮށްދެއްވި ގޮތުގައި، އެ ދެ މީހުންނަށްވެސް އިމަޖެންސީގައި ފަރުވާ ދެމުން އަންނައިރު، އެމީހުންނަށް ލިބުނު އަނިޔާގެ ތަފްޞީލެއް އަދި ހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ.
މި ދެ މީހުން އިމާރާތުގެ ފުރަތަމަ ބުރިން ވެއްޓެން ދިމާވި އަސްލު ސަބަބު ހޯދުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



