ކުރީގެ ދެ މިނިސްޓަރުން ކަމަށްވާ އާދަމް ޝަރީފް ޢުމަރަށާއި ޠާރިޤް އިބްރާހީމަށް ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަރުއްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޠާރިޤް އިބްރާހީމް އައްޔަންކުރެއްވީ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) ގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށެވެ. އަދި އާދަމް ޝަރީފް ޢުމަރު އައްޔަންކުރައްވާފައިވަނީ ޤަޠަރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަޤާމަށެވެ.
މި ސަރުކާރުގެ ފުރަތަމަ އެންވަޔަރަމަންޓް މިނިސްޓަރުކަން ކުރެއްވި ޠާރިޤާއި، ކުރީގެ ލޯކަލް ގަވަނަންސް މިނިސްޓަރު ޝަރީފް ސަފީރުކަމުގެ މަޤާމަށް އައްޔަންކުރުމަށް ސަރުކާރު ހިންގާ ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މި ހިނގާ މަހުގެ 15 ވަނަ ދުވަހުއެވެ. މަޖިލީހުން ރުހުން ދިންތާ 10 ދުވަސް ފަހުން މިއަދު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންނަށް ރަސްމީކޮށް ފަތްކޮޅު އަރުއްވާފައެވެ.
މިދިޔަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިގެން ކުއްލި ގޮތަކަށް މިނިސްޓަރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވި 10 މިނިސްޓަރުންގެ ތެރޭގައި ޝަރީފާއި ޠާރިޤް ހيمަނިވަޑައިގަންނަވައެވެ. އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ބޭފުޅުން ފުރަތަމަ އައްޔަންކުރެއްވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަޤާމަށެވެ.
ރައީސް އޮފީހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، މިނިސްޓަރުން ކުއްލި ގޮތަކަށް އިސްތިއުފާދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެ ގޮތުންނެވެ.
އޭޕްރިލް މަހު އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރެއިން ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް މިހާރު ވަނީ މިނިސްޓަރު ފެންވަރުގައި ރައީސް އޮފީހުގެ މަޤާމަކަށް އައްޔަންކުރައްވާފައެވެ.
މީގެ އިތުރުން، ރައީސް އޮފީހުގެ ދިވެހިބަހާއި ސަގާފަތާ ބެހޭ މުޝީރުގެ މަޤާމަށް މި މަހުގެ 8 ވަނަ ދުވަހު ކުރީގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އައްޔަންކުރެއްވި ނަމަވެސް، މަޤާމާ ހަވާލުވެވަޑައިގަތް ފަހުން ޖެހިގެން އައި ދުވަހު އޭނާ ވަނީ އެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.



