ޖަޕާން ސަރުކާރުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހާދިޔާކޮށް ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

ޖަޕާން ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ސިސްޓަމް ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިޝިގާމީ ރޫމިކޯއެވެ. ރާއްޖޭގެ ފަރާތުން މި ސިސްޓަމާ ރަސްމީކޮށް ހަވާލުވެވަޑައިގަތީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވި ގޮތުގައި، ޖަޕާން ސަރުކާރުން ރާއްޖޭގެ ބޯޑަރުގެ ސަލާމަތްތެރިކަމަށް ހަދިޔާކުރި މި ސިސްޓަމްގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ކަންކަން މިހާރަށްވުރެ ބޮޑަށް ހަރުދަނާވެގެންދާނެއެވެ. އަދި ރާއްޖެ އެތެރެވާ އަދި ބޭރުވާ މީހުންގެ ކާކުކަން ބަޔާންކޮށްދޭ ސިފަތައް ދެނެގަތުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ވައިގެ ބަނދަރުން ރާއްޖެ އަންނަ ފަސިންޖަރުންނަށް އިމިގްރޭޝަނުން ދޭ ޚިދުމަތްތައް އަވަސްވެ، ދަތުރުވެރިންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއެވެ.

"ޖަޕާން ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މި ސިސްޓަމްގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ކަންކަން އިތުރަށް ހަރުދަނާވެ، ކާކުކަން ދެނެގަތުމަށް އިތުރަށް ފަސޭހަވެގެންދާނެ،" މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ޖަޕާން ސަރުކާރުން ފޯރުކޮށްދެއްވި މި މުހިންމު އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރުގެ ފަރާތުން ޖަޕާނަށް ވަނީ ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ. މި ސިސްޓަމް ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި ޖަޕާނުގެ ސަފީރު އިޝިގާމީ ރޫމިކޯގެ އިތުރުން، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހާއި މޯލްޑިވްސް އިމިގްރޭޝަންގެ އެކި ފަންތީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް