ހައްދުންމަތީގައި ތަރައްޤީކުރާ ދެވަނަ އެއާޕޯޓު ލ. އިސްދޫ ކަލައިދޫގައި އެޅުމަށް ސަރުކާރުން ރަސްމީކޮށް ނިންމަވައިފިއެވެ.
ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުރަތަމަ އިޢުލާނު ކުރެއްވީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެ އަތޮޅު މާވަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވި ގޮތުގައި އެ އަތޮޅަށް ކުރެއްވި ދަތުރުގައި އެންމެ ގިނައިން ރައްޔިތުން އެދެމުންދިޔައީ އެއަރޕޯޓުގެ ވާހަކައެވެ. އެގޮތުން އަތޮޅުގެ ތިން ރަށަކުން އެކަމަށް އެދެމުންދިޔަ ނަމަވެސް، ސަރުކާރުން އިސްކަންދިނީ ދެމެހެއްޓެނިވި ތަރައްޤީއަށް ބަލައި އެންމެ ފައިދާހުރި ގޮތަކަށް އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށެވެ.
އިސްދޫ ކަލައިދޫގައި އެއާޕޯޓް އެޅުމަށް ނިންމި އެންމެ ބޮޑު އެއް ސަބަބަކީ އެ ރަށުގައި އެއާޕޯޓް އެޅުމަށް ބޮޑު ޚަރަދެއް ކޮށްގެން ބިން ހިއްކަން ނުޖެހުމެވެ. މިއީ އިޤްތިޞާދީ ގޮތުންނާއި ވަގުތުގެ ގޮތުންވެސް މަޝްރޫޢަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ޚާއްޞަގޮތެއްގައި ފާހަގަކުރައްވާފައެވެ.
"މިރަށުގައި ތަފާތު ކަމަކީ އެއަރޕޯޓެއް އަޅާއިރު، ބިން ހިއްކަން ޚަރަދު ކުރަން ނުޖެހޭ، ބިން ނުހިއްކާ އެކަން ކުރެވޭނެ. އެއީ ފާހަގަކޮށްލަންޖެހޭ ވަރަށް މުޙިއްމު ނުކުތާއެއް" ރައީސް ވިދާޅުވިއެވެ.
ލ. އަތޮޅު އިސްދޫ ކަލައިދޫގައި ތަރައްޤީކުރާ މި އެއަރޕޯޓުގެ ސަބަބުން މުޅި އަތޮޅުގެ ރައްޔިތުންނަށް، ވަކިން ޚާއްސަކޮށް އިސްދޫ، ކަލައިދޫގެ އިތުރުން ދަނބިދޫ އަދި މާބައިދޫގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ނުހަނު ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އިސްދޫ ކަލައިދޫއަކީ ބިމުގެ ގޮތުން ބޮޑު، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ފުރުސަތު އޮތް ރަށެކެވެ. ގެދޮރުވެރިކަމާއިބެހޭ ވުޒާރާއިން ހާމަކުރައްވާ ގޮތުގައި، މިހާރު އެ ސަރަހައްދުގެ ރައްޔިތުން ކައްދޫ އެއާޕޯޓަށް ދިއުމަށް ކުރަންޖެހޭ 45 މިނެޓުގެ ދިގު ކަނޑު ދަތުރު މި މަޝްރޫޢާއެކު ވަރަށް ބޮޑަށް ކުރުވެގެންދާނެއެވެ.
ލ. އަތޮޅަކީ ގުދުރަތީ ގޮތުން ރީތި، ތާރީޚީގޮތުން މުއްސަނދި އަދި އިޤުތިސާދީގޮތުން ފުޅާ ދާއިރާއެއްގައި ކުރިއެރުވޭނެ ފުރުސަތުތައް އޮތް އަތޮޅެކެވެ. މި ވަގުތު އެ އަތޮޅުގައި އޮޕަރޭޓް ކުރަމުންދަނީ އެންމެ އެއަރޕޯޓެއް ކަމަށްވާ ކައްދޫ އެއަރޕޯޓު އެކަނި ކަމަށްވާއިރު، މި ބޮޑު މަޝްރޫޢާއެކު އަތޮޅުގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއަށް އާ ދިރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.




