ޓޫރިޒަމްގެ އޮފް-ސީޒަނާ ދިމާކޮށް ރާއްޖޭގެ ބާޒާރުގައި ޑޮލަރު ލިބުން މަދުވުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ވިޔަފާރި ބޭންކްތަކަށް އިތުރަށް 25 ޕަސެންޓް ޑޮލަރު ދޫކުރަން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނިންމައިފިއެވެ. އެމްއެމްއޭއިން މިގޮތަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި، ކޮންމެ ހަފްތާއަކުވެސް ބޭންކްތަކަށް ދޫކުރާނީ އިތުރުކޮށްފައިވާ މިންވަރަށް ޑޮލަރެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި ބޭންކުތަކަށް ބޭރު ފައިސާ އިތުރަށް ދޫކުރަން ނިންމީ، ޓޫރިޒަމް ދާއިރާއިން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތައް ކުޑަކުރުމަށެވެ. މިއީ ބޭންކިން ނިޒާމުގެ ތެރޭގައި އޮތް ބޭރު ފައިސާގެ ތާށިކަން ކުޑަކުރުމަށާއި، އާންމުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް މަރުކަޒީ ބޭންކުން އެޅި ވަގުތީ ފިޔަވަޅެކެވެ.
"ޓޫރިޒަމްގެ އޮފް-ސީޒަނުގެ އިތުރުން، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެއާއެކު ޓޫރިޒަމް ދާއިރާއިން ލިބެމުން އައި ބޭރު ފައިސާގެ އާމްދަނީއަށްވެސް ވަނީ އޭގެ ނޭދެވޭ އަސަރުކޮށްފައެވެ." - އެމްއެމްއޭ
މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެމްއެމްއޭއިން ވިޔަފާރިތަކަށާއި އާންމުންގެ އެކި ބޭނުންތަކަށް ބޭންކްތައް މެދުވެރިކޮށް ވިއްކާފައިވާ ބޭރުފައިސާގެ މިންވަރު ވަނީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 72 ޕަސެންޓް އިތުރުވެފައެވެ. ބޭރު ފައިސާގެ ޑިމާންޑް އެންމެ ބޮޑަށް އިތުރުވެފައިވާ އެއް ދާއިރާއަކީ ބޭސްފަރުވާއާއި ތައުލީމަށް ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ބޭސްފަރުވާއަށާއި ތައުލީމީ ބޭނުންތަކަށް ބޭންކުތައް މެދުވެރިކޮށް ވިއްކި ބޭރު ފައިސާގެ އަދަދު ވަނީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 78 ޕަސެންޓް އިތުރުވެފައެވެ.
މީގެ އިތުރުން، ރާއްޖެއަށް އެންމެ މުހިންމު ތެލާއި، ކާޑުގެ ބާވަތްތަކާއި، ބޭހާއި މެޑިކަލް އިކުއިޕްމަންޓް ފަދަ ތަކެތި އެތެރެކުރުމަށް އެމްއެމްއޭއިން ވިއްކި ބޭރު ފައިސާގެ އަދަދުވެސް ވަނީ މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި 30 ޕަސެންޓް އިތުރުވެފައެވެ. އެހެންކަމުން މަރުކަޒީ ބޭންކުން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު މި އިތުރުކުރި ކުރުމުގެ ސަބަބުން، އޮފް-ސީޒަނުގައި ބޭރު ފައިސާގެ ތާށިކަން ކުޑަވެ، ކަސްޓަމަރުންގެ ބޭނުންތަކަށް ބޭންކުތަކުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެމްއެމްއޭއިން ވަނީ ބޭރު ފައިސާގެ މާކެޓް ހަރުދަނާކުރުމަށްޓަކައި ގިނަގުނަ އިސްލާހީ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި ބޭރުފައިސާގެ ގާނޫނު ފުރިހަމައަށް ތަންފީޒުކުރުމާއި، ގަވާއިދުތަކަށް ގެނައި ބަދަލުތަކުގެ އިތުރުން، ބޭރު ފައިސާ މެނޭޖްކުރުން ހަރުދަނާކުރުން ހިމެނެއެވެ. އަދި ޤައުމަށް އެންމެ އިސްކަންދޭންޖެހޭ މުހިންމު ކަންކަމަށް ބޭރު ފައިސާ ހޯދައިދިނުމުގައި ބޭންކުތަކާ ގުޅިގެން މަރުކަޒީ ބޭންކުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.



