ރާއްޖޭން ބޭރުގައި ތަޢުލީމު ޙާޞިލުކުރަމުންދާ ހުރިހާ ދަރިވަރުންނަށް ވިސާގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި، އެ ދަރިވަރުން ބޭނުންކުރާ ބޭންކް ކާޑުތަކަށް ޚާއްސަ ލިމިޓެއް ދޫކުރުމަށް ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ނިންމައިފިއެވެ.
ބީއެމްއެލްގެ ތަރުޖަމާނު މުޙައްމަދު ސަޢީދު ވިދާޅުވި ގޮތުގައި، މީގެ ކުރިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ކާޑުތަކަށް ވިސާ ފައިސާ ދެއްކުމުގެ ލިމިޓް ދޫކުރަމުން އައީ ކޮންމެ ކުއްޖަކު ވަކިވަކިން ހުށަހަޅާ ހުށަހެޅުންތަކަށް ބަލައި، "ކޭސްބައި ކޭސް" އުޞޫލުންނެވެ. ނަމަވެސް، މިއަދުން ފެށިގެން އެ މުއާމަލާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މި ބޭނުމަށް ދަރިވަރުންނަށް ބޭނުންވާ ބޭރު ފައިސާ ހަމަޖައްސައިދިނުމަށްޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެހީތެރިކަމާއެކު ބޭންކުން މިވަނީ މިއަދުން ފެށިގެން ހުރިހާ ދަރިވަރުންނަށްވެސް ވިސާއަށް ފައިސާ ދެއްކުމުގެ އިންތިޒާމު ފަހިކޮށްދީފައެވެ. އެގޮތުން ދަރިވަރުން ވިސާއަށް ފައިސާ ދެއްކުމަށް ބޭންކަށް އެދި ހުށަހަޅުމުން، އެ ކުއްޖެއްގެ ކާޑަށް ޚާއްސަ ލިމިޓެއް ދޫކުރާނެ ކަމަށް ބޭންކުން މަޢުލޫމާތުދެއެވެ. މީގެ އިތުރުން، ބޭރު ފައިސާއިން މުއާމަލާތްކުރުމަށްޓަކައި ރުފިޔާ ކާޑު ބޭނުންކުރާ ދަރިވަރުންނަށް މަހެއްގެ މައްޗަށް 1،200 ޑޮލަރުގެ ލިމިޓެއްވެސް ބޭންކުން ވަނީ ކަނޑައަޅައިފައެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި، ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ޓިއުޝަން ފީއާއި ދިރިއުޅުމުގެ ޚަރަދުތަކަށް ބޭނުންވާ ބޭރު ފައިސާ ފަސޭހަކަމާއެކު ހަމަޖެއްސޭނެ އިތުރު ގޮތްތަކެއްވެސް ވަނީ ގާއިމުކޮށްފައެވެ. އެގޮތުން ދަރިވަރުންގެ ނުވަތަ ބެލެނިވެރިޔާގެ ރުފިޔާ އެކައުންޓުން ޓިއުޝަން ފީއާއި، ތަޢުލީމާ ގުޅުންހުރި އެހެނިހެން ޚަރަދުތަކަށް ޓެލެގްރަފިކް ޓްރާންސްފާ ނުވަތަ ޓީޓީ މެދުވެރިކޮށް ސީދާ ފައިސާ ފޮނުވުމުގެ ފުރުޞަތު ބޭންކުން ވަނީ ފަހިކޮށްދީފައެވެ.
"ދަރިވަރުންގެ ސްޓައިޕެންޑާއި އެހެނިހެން ބޭނުންތަކަށް އަދަދު ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ރުފިޔާ އެކައުންޓުން، ދަރިވަރުން ބޭރުގައި ބޭނުންކުރާ އެކައުންޓަށް ފައިސާ ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައި،" ބީއެމްއެލްގެ ބަޔާނުގައިވެއެވެ.
މި އިންތިޒާމުތަކުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމާއި ދިރިއުޅުމުގެ އެކި ކަންކަމަށް ބޭނުންވާ ފައިސާ އެއްވެސް މެދުކެނޑުމެއް ނެތި ލިބެމުންދާނެ ކަމުގެ ޔަގީންކަން ޤައުމީ ބޭންކުން ދެއެވެ. ބޭންކުން ބުނީ ރާއްޖޭން ބޭރުގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކޮށް، އެހީތެރިކަން ފޯރުކޮށްދިނުމުގައި ބީއެމްއެލް އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.



