ޕެންޝަން އޮފީހުގެ ސީއެސްއާރް ގްރާންޓް ޕްރޮގްރާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އިޖުތިމާޢީ ޒިންމާ (ސީއެސްއާރް) ސިޔާސަތުގެ ދަށުން، މުޖުތަމަޢަށް ފައިދާހުރި މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ "ސީއެސްއާރް ގްރާންޓް ޕްރޮގްރާމް 2026" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގެ އިޖުތިމާޢީ ދާއިރާތަކުން ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމަޢު ބާރުވެރިކުރުވުމަށް ހިންގާ ކުދި މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "އެމްޕަވަރިންގ ކޮމިއުނިޓީސް ފޮރ އަ ރެސިލިއަންޓް ފިއުޗަރ" އެވެ.

ޕެންޝަން އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، މި ގްރާންޓުގެ ދަށުން ހޮވޭ ކޮންމެ މަޝްރޫޢަކަށް 200,000 ރުފިޔާއާ ހަމައަށް ފައިސާގެ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫޢުތަކަކީ ގިނަވެގެން 12 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭ މަޝްރޫޢުތަކަކަށް ވާންޖެހެއެވެ.

މި އަހަރުގެ ގްރާންޓަށް ހުށަހެޅޭނީ މައިގަނޑު ދެ ދާއިރާއަކުންނެވެ. އެއީ:

  • މާލީ ހޭލުންތެރިކަން އިތުރުކުރުން: މީގެ ތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މާލީ ތަޢުލީމު ދިނުމާއި، ޒުވާނުންނަށް ރިޓަޔަރމަންޓް ޕްލޭނިންގ ދަސްކޮށްދިނުމާއި، ކުދި ވިޔަފާރިތަކަށް ފައިނޭންޝަލް މެނޭޖްމަންޓް ދަސްކޮށްދިނުން ފަދަ ކަންކަން ހިމެނެއެވެ.
  • އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކުރުން: މީގެ ތެރޭގައި އިސްރަށްވެހިންނަށް އަޅާލުމުގެ ޕްރޮގްރާމްތަކާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމުގެ އިތުރުން، އެހީތެރިންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ހިމެނެއެވެ.

މި ގްރާންޓަށް ފުރުސަތު ހުޅުވާލެވިފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޖަމުޢިއްޔާ ޖަމާޢަތްތަކަށާއި، މަދަނީ ޖަމުޢިއްޔާތަކަށާއި، ތަޢުލީމީ މުއައްސަސާތަކަށެވެ.

މަޝްރޫޢުތައް ހޮވުމުގައި ބަލާނެ މިންގަނޑުތަކުގެ ތެރޭގައި، އެ ޖަމުޢިއްޔާއެއްގެ ޤާބިލުކަމާއި، މަޝްރޫޢު ފަރުމާކޮށްފައިވާ ގޮތާއި، މުޖުތަމަޢަށް ކުރާނެ ފައިދާއާއި، ބަޖެޓުގެ އެކަށީގެންވާކަން ހިމެނެއެވެ.

މި ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 23 ޖުލައި 2026 ގެ 16:00 އެވެ. އެޕްލިކޭޝަން ފޯމާއި އިތުރު މަޢުލޫމާތު ޕެންޝަން އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް