މާލޭގެ ހުރިހާ ޕާކުތައް ދަންވަރު 12 ޖަހަންދެން ހުޅުވާފައި ބަހައްޓަން ނިންމައިފި

މާލޭގައި ވަކި ގަޑިތަކެއްގައި ހުޅުވާ އަދި ބަންދުކުރާ ހުރިހާ ޕާކުތަކެއް، ކޮންމެ ދުވަހެއްގެ ރޭގަނޑު 12 ޖަހަންދެން ހުޅުވާފައި ބަހައްޓަން މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ބޭއްވި ރަސްމީ ބައްދަލުވުމުގައި މިގޮތަށް ފާސްކުރީ ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އަގުލަބިއްޔަތުން އިއްތިފާގުންނެވެ. މި އައު ނިންމުމާއެކު، މާލޭގެ ޕާކުތައް ކޮންމެ ދުވަހަކުވެސް ފަތިހު 5:30 އިން ފެށިގެން ދަންވަރު 12:00 އާ ހަމައަށް އާންމުންނަށް ހުޅުވާލެވިފައި ހުންނާނެއެވެ.

މާލޭގެ ޕާކުތައް ބަންދުކުރާ ގަޑިތަކަށް ބަދަލު ގެނައުމަށް ކައުންސިލްގެ ބައްދަލުވުމަށް ފުރަތަމަ ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ ކައުންސިލަރު ޙުސައިން ފުރުޝާންއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އާންމު ޕާކުތަކަކީ ހިތްހަމަޖައްސާލުމަށްޓަކައި ދާނެ ގިނަ ވަސީލަތްތަކެއް ނެތް މާލޭގައި މިހާރު ހުރި ހަމައެކަނި ތަންތަނަށް ވާއިރު، އެ ތަންތަން ވަކި ގަޑިތަކެއްގައި ބަންދުކުރާތީ އާންމުންގެ ޝަކުވާ ކައުންސިލަށް ވަރަށް ބޮޑަށް ލިބެމުންދެއެވެ. އެހެންކަމުން ޕާކުތަކަކީ ވަކި ގަޑިއަކަށް ބަންދުކުރަންޖެހޭ ތަންތަން ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން ކޮންމެވެސް ވަރަކަަށް އަޅުގަނޑަށް އެނގޭ ކޮންމެވެސް ވަރެއްގެ ކަންބޮޑުވުންތަކެއް އަންނާނެ ސެކިއުރިޓީއާ މިކަންކަމުގެ. އަޅުގަނޑުމެން މިހާރު ބަންދުކޮށްގެން މިތިބަ ލޮނުޒިޔާރާތް ޕާކު ވެސް ވާ ވަރަށް ސެކިއުރިޓީ ހުރި ކަމަށް މިދެކެނީ. ދެން ހުޅުވަންޏާ އިތުރަށް ކެމެރާ ހަރުކޮށް، އަދި ފުލުހުންނާ އެކު ތަންކޮޅެއް ރަނގަޅަށް އެތަން މޮނިޓާކޮށްދޭން ބުނެލާފައި ބަންދުކުރާ ގަޑި އުވާލަން މި ހުށަހަޅަނީ،" ފުރުޝާން ވިދާޅުވިއެވެ.

ޕާކުތައް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ބަދަލުގައި، ބަންދުކުރާ ގަޑި ދަންވަރު 12 އަށް ލަސްކޮށްލުމަށް އިސްލާހު ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފްއެވެ. ކައުންސިލަރުން ފާހަގަކުރެއްވި ގޮތުގައި، ބޮޑެތި ޕާކުތައް މުޅި ރޭގަނޑު ހުޅުވާފައި ބަހައްޓާނަމަ އެތަންތަން ކުށުގެ ވެއްޓަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. އެހެންކަމުން، ސެކިއުރިޓީގެ ކަންކަމަށް ރިއާޔަތްކުރުމަށްފަހު ހުރިހާ މެންބަރުން އެއްބަސްވީ ޕާކުތައް ދަންވަރު 12 ޖަހާއިރު ބަންދުކުރާ ގޮތަށް ހަމަޖެއްސުމަށެވެ.

މާލޭގައި މިހާރު ވަކި ގަޑިތަކެއްގައި ހުޅުވާ އަދި ލައްޕާ ބޮޑެތި ޕާކުތަކުގެ ތެރޭގައި ހިމެނެނީ ސަލްޓަން ޕާކާއި ލޮނުޒިޔާރާތް ޕާކެވެ. މިހާރު އަމަލުކުރަމުންދާ ގޮތުން ސަލްޓަން ޕާކު އިރުއޮއްސި 6:00 ގައި ބަންދުކުރުމަށްފަހު، ރޭގަނޑު އަލުން ހުޅުވާފައި ހުންނަނީ 10:00 ޖަހަންދެނެވެ. އަދި ލޮނުޒިޔާރާތް ޕާކުވެސް ހުޅުވާފައި ހުންނަނީ ހެނދުނު 6:00 އިން ރޭގަނޑު 10:00 އާ ހަމައަށެވެ. ކައުންސިލްގެ މި ނިންމުމާއެކު މި ދެ ޕާކުވެސް ހިމެނޭހެން މާލޭގެ ހުރިހާ ޕާކެއްގެ ވަގުތު އިތުރުވެ، އާންމުންނަށް ހިތްހަމަޖައްސާލުމަށް ގިނަ ވަގުތުތަކެއް ލިބިގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް