އިކޮނޮމިކް މިނިސްޓަރު ސައީދު

ގައުމެއްގެ އިޤްތިޞާދީ ކުރިއެރުމުގެ ދުވެލި ސީދާގޮތުން ގުޅިފައިވަނީ ސްޓޭކް ހޯލްޑަރުންގެ މެދުގައި އޮންނަ އިތުބާރުގެ މައްޗަށްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިިދާޅުވެއްޖެއެވެ.

ވަޒީރު ސައީދު މިފަދައިން ވިދާޅުވީ ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑުން އެކުލަވާލާފައިވާ "ދިނަފް-48" ތަޢާރަފްކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރުގެ ވާހަކަފުޅުގައި ރާއްޖެ ފަދަ ކުޑަ މުޖުތަމައުއެއްގައި ހިއްސާދާރުންނާއި ވިޔަފާރިވެރިންގެ މެދުގައި އޮންނަ އިތުބާރަކީ އިޤްތިޞާދު ކުރިއެރުވުމަށް އެންމެ މުހިންމު އަސާސްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި އެ އިތުބާރު ދެމިނޯންނަ ހާލަތްތަކުގައި މަސައްކަތްތަކުގެ ދުވެލި ވަރަށް ބޮޑަށް ދަށްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ވިޔަފާރިކުރުމުގައި އިތުބާރު އޮވެއްޖެ ނަމަ ސިނާއަތްތައް ކުރިއަރައިގެންދާނެ މިންވަރު ދޭހަކޮށްދޭ އެންމެ ރަނގަޅު މިސާލަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ތެރޭގައި ހުރި ހަރުމުދަލަށް ފަންޑުކުރުމުގެ ބޮޑު ޑިމާންޑެއް އޮތް ނަމަވެސް، ރާއްޖޭގައި ވަކި ސިނާއަތެއްގެ ގޮތުގައި ޓްރޭޑްކުރުން ނުވަތަ ވިޔަފާރީގެ ދާއިރާ އެކަށީގެންވާ ގޮތެއްގައި ކުރިއަރަމުން ނުދާތީ އެކަމާ މެދު ވަޒީރު ވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ.

"ޓްރޭޑް ސެކްޓަރ އޭގެ ޒާތުގައި ކުރިއަރައިގެނެއް ނުދޭ. އެއަށް ވުރެ ބޮޑަށް ފަތުރުވެރިކަމަށް ވާގިވެރިވާ ސިނާއަތެއްގެ ގޮތުގައި އޮތީ،" ވަޒީރު ސައީދު ވިދާޅުވިއެވެ.

މިހާރުގެ ސަރުކާރުން ޓްރޭޑް ފެސިލިޓޭޓްކުރުމަށް ނުވަތަ ވިޔަފާރިތަކަށް މަގުފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ސިނާއަތްތައް ކުރިއަރުވައި ވިޔަފާރިވެރިންނަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ވަޒީރު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މައިގަނޑު ސިޔާސަތަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް، އާންމުންނަށް ރަނގަޅު އާމްދަނީ ލިބޭނެ ވަޒީފާތައް އުފެއްދުމެވެ. މީގެ ބޭނުމަކީ މެދު ރާސްތާގައި ދައުލަތުގެ މާލީ ހަމަޖެހުމާއި ދަރަނީގެ ދެމެހެއްޓެނިވިކަން ވަރުގަދަކޮށް ކަށަވަރުކުރުމެވެ.

މީގެ އިތުރުން، ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިންގް އެޖެންސީއެއް ކަމަށްވާ ފިޗް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މަތިކުރުމަކީ، ސަރުކާރުން ރާވާފައިވާ މާލީ އިޞްލާހުތަކަށާއި އިޤްތިޞާދީ ހަރުދަނާ ފިޔަވަޅުތަކަށް ބައިނަލްއަޤްވާމީ މައިދާނުގައި އިތުބާރު ލިބެމުންދާކަމުގެ އަލިގަދަ ހެކިވަރެއްކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި އަލަށް ތައާރަފްކުރި ދިނަފް ފަންޑަކީ، ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަސްމީކޮށް ރަޖިސްޓަރކޮށްގެން ހިންގާ ފަންޑެކެވެ. ވަޒީރު ސައީދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ މާލީ ބާޒާރު ފުޅާކޮށް އިޤްތިޞާދު ވަރުގަދަކުރުމަށްޓަކައި މިފަދަ އިންވެސްޓްމަންޓް ފަންޑުތަކަކީ މިވަގުތު ރާއްޖެއަށް އިންތިހާއަށް މުހިންމު އަދި ބޭނުންތެރި ވަސީލަތްތަކެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް