ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މިހާރު ހަދަމުންދާ ސަރަހައްދުގައި ތާރުއެޅުމުގެ ޢަމަލީ މަސައްކަތް އަންނަ ބުދަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 4 ސެގްމެންޓެއްގެ މަސައްކަތެވެ. އެއީ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ ސަރަޙައްދެވެ. މި ސަރަޙައްދުގެ އަމަލީ މަސައްކަތްތައް އެމްޓީސީސީން ފަށާފައިވަނީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ.
އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ސެގްމެންޓު 3، 4، އަދި 5 ގެ ގާތްގަނޑަކަށް ހުރިހާ މަސައްކަތްތަކެއް ނިންމައި، ތާރު އެޅުމަށް މިހާރު ވަނީ ފުރިހަމައަށް ތައްޔާރުކޮށްފައެވެ. އެއީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް އޮންނަ ސަރަޙައްދެވެ. މި މަޝްރޫޢުގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރްވަސް ޢަބްދުﷲ ފާއިޒް ވިދާޅުވީ، މަގު ހެދުމުގެ ބޮޑުބައެއް މިހާރު މުޅިން ނިމިފައިވާ ކަމަށެވެ.
އަދި ޕޭމަންޓު ހެދުމުގެ ނުނިމި ހުރި ބައެއް މަސައްކަތްތައް ކުރިއަށްއޮތް ދެ ދުވަހެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށާއި، ސެގްމެންޓު 2 ގެ ޝީޓްޕައިލް ކުރުމުގެ މަސައްކަތްތައް އަންނަ հަފްތާގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް އޭނާ ފާހަގކުރެއްވިއެވެ.
ތާރު އެޅުމަށް ބޭނުންވާ ޚާއްޞަ މެޝިނަރީޒްތައް ސައިޓަށް ބަދަލުކުރުމުގެ ނުވަތަ މޮބިލައިޒްކުރުމުގެ މަސައްކަތްތައް ކުރިއަށް އޮތް ޖުލައި މަހުގެ 1 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ކާނިވަލްގެ ޕާކިން ޒޯނާ ހަމައަށް އޮންނަ ސަރަޙައްދު އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެއެވެ. އެހެންނަމަވެސް، ކާނިވަލް ސަރަހައްދުގައިވާ ޕާކިން ޒޯން އާންމުންނަށް ބޭނުންކުރެވޭނެއެވެ. މަސައްކަތް ކުރިއަށްދާ ސަރަޙައްދު ބަންދުކުރަން ނިންމީ ތާރުއަޅާ ބޮޑެތި މެޝިނަރީސްތައް ބަހައްޓާނެ ޖާގަ ބޭނުންވާތީއެވެ.
ތާރު އެޅުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ރާވާފައިވަނީ ޖުމްލަ 2 ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ތާރުއަޅާނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް (ޚާރިޖީ ވުޒާރާ) އާ ހަމައަށެވެ.
ބޮޑުތަކުރުފާނު މަގުގައި މިހާރު މަސައްކަތް ކުރިއަށްދާ ސަރަޙައްދުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމައި، ކުރިއަށް އޮތް ޖުލައި 26 (މިނިވަން ދުވަހުގެ) ކުރިން އެއްކޮށް ނިންމާލުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަމުންދާކަމަށް އެމްޓީސީސީން ބުނެއެވެ. ސަރުކާރުން ޤަބޫލުކުރާ ގޮތުގައި، މި މަޝްރޫޢުގެ މަސައްކަތްތައް މުޅިން ނިމި އާންމު ދަތުރުފަތުރަށް މަގު ހުޅުވާލުމުން، މާލޭގެ ބޮޑުތަކުރުފާނު މަގު އިތުރަށް ތަނަވަސްވެ، ދުއްވާ އެއްޗެއްސަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތުރުފަތުރުކުރުމުގައި ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ.



