ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީން ދިރާސާކުރަމުންދާ "ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލު" އަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން މި ބިލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 8 ޖުލައި 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ކޮމިޓީގެ އީމެއިލް އެޑްރެހަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވައި ދިނުމަށް ވަނީ އެދިފައެވެ.
ސަރުކާރުގެ ފަރާތުން ޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބްރާހީމެވެ.
މި ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން، ދިވެހިރާއްޖޭގައި ޒާތީ މަޢުލޫމާތު އެއްކުރުމާއި ޕްރޮސެސްކުރުމާއި ބޭނުންކުރުމުގެ ނިޒާމެއް ޤާއިމުކޮށް، ޒާތީ މަޢުލޫމާތު ނިސްބަތްވާ މީހުންގެ ޙައްޤުތަކާއި، މަޢުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅައި، އެ ފަރާތްތައް ރެގިއުލޭޓްކުރުމާބެހޭ އުސޫލުތައް ބަޔާންކުރުމެވެ.
މި ބިލުގެ ބޭނުމަކީ ޒާތީ މަޢުލޫމާތު ބޭނުންކުރާ ފަރާތްތަކުގެ ޒިންމާތަކާއި، އެފަދަ މަޢުލޫމާތު ރައްކާތެރިކަމާއެކު ޕްރޮސެސްކޮށް ބޭރުގެ ފަރާތްތަކަށް ފޮނުވުމުގައި ޢަމަލުކުރާނެ ހަމަތައް ކަނޑައެޅުމެވެ. މީގެ އިތުރުން، މަޢުލޫމާތުގެ ވެރިފަރާތަށް ލިބިދޭ ޙައްޤުތަކާއި ޑޭޓާ ބްރީޗް ފަދަ ޙާލަތްތަކުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކޮށް، މި ޤާނޫނު ތަންފީޛުކުރުމަށް ޕްރައިވަސީ ކޮމިޝަނަރެއް އައްޔަންކޮށް ޝަކުވާ ބަލައި ފިޔަވަޅު އެޅުމުގެ ބާރު އެ ފަރާތަށް ދިނުން މި ބިލުގައި ހިމެނެއެވެ.



