ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ ދައުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އދގެ ޕަބްލިކް ސަރވިސް ޑޭއާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޕަބްލިކް ސަރވަންޓުން ނުވަތަ ދައުލަތުގެ ޚިދުމަތްތެރިންނަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށާއި، މުޖްތަމައުގެ ކުރިއެރުމަށާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރާ ބައެއް ކަމަށެވެ. އަދި ދައުލަތުގެ ޚިދުމަތްތެރިން ސާބިތުކަމާއެކު ކޮށްދެއްވާ މިންނަތް މަސައްކަތުގެ އަގު ސަރުކާރުން އަބަދުވެސް ވަޒަންކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ނަޒާހަތްތެރިކަމާއެކު ރައްޔިތުން ބަލައިގަންނަ ފަދަ ޚިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

"ދިވެހި ރައްޔިތުންގެ ފާގަތިކަމާއި ކުރިއެރުމަށް ދައުލަތުގެ މުއައްސަސާތަކާއި ޚިދުމަތްތެރިން ސާބިތުކަމާއި އިހްލާސްތެރިކަމާއެކު ފޯރުކޮށްދޭ ޚިދުމަތް ފާހަގަކޮށް، ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 23 ވަނަ ދުވަސް އދ.ގެ ޕަބްލިކް ސާވިސް ޑޭގެ ގޮތުގައި ފާހަގަކުރަނީ މުހިންމު މަޤްސަދުތަކެއްގައެވެ. އެގޮތުން މި ދުވަސް ޚާއްސަކުރެވެނީ ޕަބްލިކް ސާވަންޓުން ރޭދުވާލު ކުރައްވާ ބުރަ މަސައްކަތްތައް ދެނެގަނެ، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމަށެވެ.

މީގެ އިތުރުން، ޤައުމީ ތަރައްޤީއަށް ދައުލަތުގެ ޚިދުމަތްތެރިންގެ ހިއްސާގެ މުހިންމުކަން އާންމުންނަށް ހާމަކޮށްދިނުމާއި، ޒުވާނުން ސަރުކާރުގެ އެކި މުއައްސަސާތަކާއި އިދާރާތަކާ ގުޅިގެން ޤައުމީ ޚިދުމަތުގެ ދާއިރާއަށް ނުކުތުމަށް ހިތްވަރު ދިނުމަކީވެސް މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްސަދެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް