ލަގްޒަމްބަރގްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު، މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އަދި މިނިސްޓަރ ފޮރ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެންޑް ހިއުމެނިޓޭރިއަން އެފެއާޒް، ހިޒް އެކްސަލަންސީ ޒަވިއޭ ބެޓެލް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ވަޒީރު ޒަވިއޭ ބެޓެލް އަށާއި ލަގްޒަމްބަރގްގެ ސަރުކާރާއި ރައްޔިތުންނަށް ލަގްޒަމްބަރގްގެ ގްރޭންޑް ޑިއުކްގެ ރަސްމީ އުފަންދުވަސް ފާހަގަކުރާ ޤައުމީ ދުވަހުގެ މުނާސަބަތުގައި މަރުހަބާ ދަންނަވާފައިވެއެވެ.
މީގެ އިތުރުން ވަޒީރުގެ މެސެޖުގައި ވިދާޅުވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ވަޒަންކޮށް، ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދިވެހިރާއްޖެއާއި ލަގްޒަމްބަރގް ގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި ޔަޤީންކުރައްވާ ކަމަށެވެ.
"އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީން"، ވަޒީރު ވިދާޅުވިއެވެ.



