މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމަށް "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" އިފްތިތާޙްކޮށްފި

މޫސުމީ ބަދަލުތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް ވިލުންތެރިވުމަށާއި، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އުސޫލުތަކުން ކާނާގެ ޔަޤީންކަން ކަށަވަރުކުރުމުގެ މަޤްޞަދުގައި "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ކްލައިމެޓ ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީ އިން އިސްނަގައިގެން، އެސް.އެމް.އީ ޑިޖިޓަލް އަދި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ މިއަދު (23 ޖޫން 2026 ގައި) މީރުމާގައި ބޭއްވުނު "މޫސުމީ ބަދަލުތަކަށް ހޭނުމުގެ މަހާސިންތާ" ގެ ތެރެއިންނެވެ. މިއީ އެ މިނިސްޓްރީން ތަންފީޛުކުރަމުންދާ "އެންހާންސިންގ ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" (އީސީއާރުއެފްއެސް) މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

ގްރާންޓް ޕްރޮގްރާމްގެ މައިގަނޑު މަޤުޞަދުތައް:

  • މާލީ ހުރަސްތައް ނައްތާލުން: އައު އީޖާދީ ޚިޔާލުތައް ތަންފީޒުކުރުމަށް ކުރިމަތިވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުން.

  • ވިލުންތެރިކަން އިތުރުކުރުުން: ވިލުންތެރި އައު އީޖާދުތަކާއި ޑިޖިޓަލް ވަޞީލަތްތަކަށް ހިތްވަރުދީ، ތިމާވެށި ރައްކާތެރިކުރުން.

  • އާމްދަނީގެ ފުރުޞަތުތައް: ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުން.

މި ގްރާންޓް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރ އަލްފާޟިލް އަލީ ޝަރީފްއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ މޫސުމީ ބަދަލުތަކުން ކުރާ އަސަރުތަކުން އަރައިގަތުމަށާއި ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމުގައި އަމިއްލަ ވިޔަފާރިތަކުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.

"މެޗިންގ ގްރާންޓް ސްކީމް މެދުވެރިކޮށް، ކާނާއާއި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ޑިޖިޓަލައިޒޭޝަން ފަދަ އިސްކަންދޭ ދާއިރާތަކަށް ޢަމަލީ ގޮތުން އެހީތެރިކަން ލިބިގެންދާނެ،" މިނިސްޓަރ އަލީ ޝަރީފް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ އެހީ ލިބޭނެ ފަރާތްތައް:

މި ޕްރޮގްރާމްގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އަންނަނިވި ފަރާތްތަކަށެވެ.

  1. އަމިއްލަ ފަރުދުން

  2. ޖަމްޢިއްޔާ ޖަމާޢަތްތައް

  3. އީޖާދީ މަސައްކަތްކުރާ ޒުވާނުންނާއި އަންހެނުން

  4. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް (އެސްއެމްއީ)

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް