ރާއްޖޭގައި އަލަށް ގާއިމުކުރުމަށް ނިންމާފައިވާ މެންޓަލް ހެލްތު ހޮސްޕިޓަލް އެޅުމަށް ހުޅުމާލެއިން 10،000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވާ ކަމަށް ޞިއްޙަތާއި އާއިލާ އާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މާލެ ސަރަހައްދުގައި މި ހޮސްޕިޓަލް އެޅުމަށް ސަރުކާރުން ނިންމި ސަބަބާ ބެހޭގޮތުން ވަޒީރު ވިދާޅުވީ، އެފަދަ ތަނެއް ގާއިމުކުރާއިރު ޚިދުމަތް ހޯދާ މީހުންގެ އަދަދަށާއި ލިބެންހުރި ވަސީލަތްތަކަށް ބަލަންޖެހޭ ކަމަށެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ކުރިއަށްގެންދިޔަ 70،000 އަށްވުރެ ގިނަ ކޮންސަލްޓޭޝަންތަކުގެ ތެރެއިން 45،000 މީހުން ފަރުވާ ހޯދާފައިވަނީ މާލެ ސަރަހައްދުންނެވެ. އެހެންކަމުން، ނަފްސާނީ ފަރުވާގެ ވަސީލަތްތަކާއި ބަލިމީހުން ވެސް އެންމެ ގިނައީ މާލެ ސަރަހައްދުގައި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް، މާލެއިން ބޭރުގައި މިފަދަ ހޮސްޕިޓަލެއް އެޅުމަށް ވަކި ދިރާސާއެއް މިހާތަނަށް ކުރެވިފައި ނެތް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޤީލާ ވިދާޅުވި ގޮތުގައި މީގެ ކުރިން ސަރުކާރުތަކުން ނަފްސާނީ ޞިއްޙަތަށް ދީފައިވާ އަހައްމިޔަތު ކުޑަވުމުގެ ސަބަބުން އެކަށިގެންވާ ގޮތެއްގައި ރައްޔިތުންނަށް ފަރުވާ ދެވިފައެއް ނުވެއެވެ. ނަފްސާނީ ބަލިތަކަކީ ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ހިތްނުތަނަވަސްކަން އުފެދިފައިވާ ބައްޔަކަށް ވުމުން، ފަރުވާ ކުރުމަށް ޖެހިލުންވުމާއި ލަސްވުން ފަދަ ކަންކަން ދިމާވާތީ، މިފަދަ ޚާއްސަ ހޮސްޕިޓަލެއް ހުރުން މުހިންމު ކަމަށް ވަޒީރު ވިދާޅުވިއެވެ.
ނަފްސާނީ ފަރުވާ ފޯރުކޮށްދިނުމަށް މިހާރުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ގުރައިދޫ މަރުކަޒުގައި ތިބި 60 މީހަކަށް ފަރުވާދީ އަނބުރާ މުޖުތަމައަށް ނެރެވިފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ. މީގެ އިތުރުން، ސަރުކާރުން ގާއިމުކޮށްފައިވާ މެންޓަލް ހެލްތު ހެލްޕްލައިނަށް މިދިޔަ އަހަރު 10,000 އަށްވުރެ ގިނަ ކޯލު ލިބި، ފަރުވާ ދެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ސައިކޭޓްރިކް ޚިދުމަތް ދެމުންދާއިރު، މާލެ ސަރަހައްދުގައި ގާއިމުކުރާ މެންޓަލް ހެލްތު ހޮސްޕިޓަލު ވެގެންދާނީ ޒަމާނީ ވަސީލަތްތަކާއެކު ފުރިހަމަ ފަރުވާގެ ނިޒާމެއް ގާއިމުވެފައިވާ ތަނަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.



