ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށްޓަކައި، ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި އިޞްލާޙު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމެވެ. މި ބިލުގައިވާ ގޮތުން، ސިނގިރޭޓުގެ އިތުރުން ބިޑިއަކުން ނަގާ ޑިއުޓީވެސް 4 ރުފިޔާއަށް ބަދަލުކުރުމަށާއި، އޭގެ އެޑްވޮލެރަމް ޑިއުޓީގެ ގޮތުގައި %30 ނެގުމަށް ވަނީ ހުށަހަޅާފައެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުވުމަށް އެހީތެރިވެދޭ ވަސީލަތްތައް ކަމަށްވާ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗު ފަދަ ތަކެތިން ޑިއުޓީ މާފުކުރުމަށްވެސް މި ބިލުގައި ހިމަނާފައިވެއެވެ.
ސިނގިރޭޓު ޑިއުޓީގެ ތާރީޚަށް ބަލާއިރު، މީގެކުރިން 3.50 ރުފިޔާގައި ހުރި ޑިއުޓީ، މި ސަރުކާރުން 8 ރުފިޔާއަށް ބޮޑުކުރީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އޭރު ސަރުކާރުން ބުނެފައިވަނީ، ވޭޕް މަނާކުރުމާ ގުޅިގެން މީހުން ސިނގިރޭޓަށް ބަދަލުވުން ހުއްޓުވުމަކީ ޑިއުޓީ ބޮޑުކުރި މައިގަނޑު ސަބަބު ކަމަށެވެ.
ނަމަވެސް، ޑިއުޓީ ބޮޑުކުރިތާ ދޮޅު އަހަރެއްހާ ދުވަސް ފަހުން މި މަޢުލޫމާތު އަލުން މުރާޖަޢާކޮށް، ޑިއުޓީ ކުޑަކުރަން ނިންމިކަން ސަރުކާރުން އިޢުލާންކުރީ މިއަހަރުގެ މޭ މަހުގެ 31 ވަނަ ދުވަހުއެވެ. މިކަމާ ގުޅޭގޮތުން ހޯމް މިނިސްޓަރު ޢަލީ އިޙުސާން ވިދާޅުވީ، ސިނގިރޭޓު ޑިއުޓީ ކުޑަކުރުމަށް މަޝްވަރާކުރަމުން ދަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) ގެ ލަފާގެ މަތިން ކަމަށެވެ.
މި އިޞްލާޙު ފާސްވެ އަމަލުކުރަން ފެށުމުން، ބާޒާރުގައި ސިނގިރޭޓުގެ އަގަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.




